އެކި ސަބަބުތަކުގައި ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ހަދައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މިސްޓޯރޭޖް ފެސިލިޓީ ހެދީ ކުދި ވިޔަފާރިތަކަށް މުދާ ގެންނަ ފަރާތްތަކުގެ އެދުމުގެމަތިން ކަމަށެވެ. އޭނާ ވިދާޅުވީ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ގިނަ ވިޔަފާރިތައް އެކުވެ އެއް ކޮންޓެއިނަރުގައި މުދާ އެތެރެކުރާކަމަށެވެ. ނަމަވެސް އެއިން ވަކި މުދަލެއް ކްލިއަރ ކުރަން ލަސްވިނަމަވެސް، މުޅި ކޮންޓެއިނަރަށް ބޮޑު ފީ އެއް އިތުރަށް ދައްކަންޖެހޭކަމަށެވެ.
އަލަށް އިތުރުކުރި ސްޓޯރޭޖް ކެޕޭސިޓީއާއެކު، ކޮންޓެއިނަރުން އަވަހަށް މުދާ ހުސްކޮށް، ކޮންޓެއިނަރަށް ދަންކަންޖެހޭ ފީން ސަލާމާތްވާނެ ކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ. އަދި މިގޮތަށް ކޮންޓެއިނަރުތައް ހުސްނުވެ، ލަސްވުމަކީ ޝިޕިންލައިންތަކަށްވެސް އޭގެ ދަތިކަން ދިމާވާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެންމެ ޕެކޭޖެއް ކްލިއަރ ނުވެ އިނަސް، މުޅި ކޮންޓެއިނަރަށް އެބަ ޑެމަރޭޖް ފީ ނަގާ. މީގެ ގެއްލުން ކުދި ވިޔަފާރިތަކަށް ބޮޑު. މިފެށި ޚިދުމަތަކީ ވިޔަފާރިތަކުން 2019އިން ފެށިގެން އެދެމުން އަންނަ ޚިދުމަތެއް." ޝާހިދު އަލީ ވިދާޅުވިއެވެ.
އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ، ޠަލްޙަތު ސަޢީދު ވިދާޅުވީ މިހާރު ހުރި ކެޕޭސިޓީގައި 550 ކިއުބިކް މީޓަރު(ސީބީއެމް)ގެ މުދާ ބެހެއްޓޭނެކަމަށެވެ. އެއީ 16 ކޮންޓެއިނަރުގެ މުދަލެވެ. އޭނާ ވިދާޅުވީ މުދާ ޕޯޓުން ނެރުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާތީ، ޖާގައިގެ މައްސަލަ މާބޮޑަށް ކުރިމަތިވާނެ ކަމަށް ނުބެލެވޭކަމަށެވެ.
"އެމްޕީއެލް ސްޓޯރޭޖްގައި ސީބީއެމަކަށް ނަގަނީ ދުވަލަކަށް 26 ރުފިޔާ. ކޮންޓެއިނަރަށް ދުވާލަކަށް 35 ޑޮލަރު ދައްކަންޖެހޭ. ދެތިންދުވަހު މުދާ ކްލިއަރ ނުވެއްޖެނަމަ 150 ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދައްކަންޖެހޭނެ. ނަމަވެސް އެމްޕީއެލްގެ ސްޓޯރޭޖް ފެސިލިޓީގައި ހުންނަ ނަމަ އެއީ 300ވަރަކަށް ރުފިޔާ." ޡަލްއަތް ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ ކެޕޭސިޓީގައި ދަތިކަމެއް ކުރިމަތިވޭތޯ ދެ މަސް ދުވަހަށް ބަލާނެކަށެވެ. އަދި އިތުރަށް ބަދަލެއް ގެންނަންޖެހޭނަމަ، ޕޯޓު ތެރެއިން ކޮންމެވެސް ވަރަކަށް އިތުރަށް ޖާގަ ލިބޭނެކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ސަރުކާރުން ގުޅީފަޅުގައި ޕޯޓު ތަރައްޤީކުރާއިރު، މިފަދަ ޚިދުމަތްތަކަށް ޚާއްސަކޮށް ޖާގަ ކަނޑައަޅާނެކަމަށެވެ.
އެމްޕީއެލްގެ ޕޯޓަށް އެވަރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެއެވެ.