ޚަބަރު

އަތޮޅުތަކުގެ ފްލެޓުގެ ކުލި 2000ރ އަށް ކުޑަކުރާނަން: ނާޒިމް


  • ނާޒިމް ގެންދަވަނީ ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަވަމުން

  • ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވޭ

  • ޚާއްޞަކޮށް ބޯހިޔާވަހިކަމާއި ތަޢުލީމާ މަސްވެރިކަމުގެ ދާއިރާ ހިމެނޭ

ކުރީ ސަރުކާރުތަކުން އަތޮޅުތަކުގައި އަޅަފައިވާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ދިވެހިންނަށް ޢާންމުކޮށް މުސާރާއިގެ ގޮތުގައި ލިބެނީ 10،000 ރުފިޔާ އާއި 8،000 ރުފިޔާއާއި ދެމެދުގެ މިންވަރެއް ކަމަށެވެ. އަދި އެވަރުގެ މުސާރައެއް ލިބޭއިރު، މަހަކު 5000 ރުފިޔާ ފްލެޓު ކުލީގެ ގޮތުގައި ދައްކަންޖެހުމަކީ އެ ރައްޔިތުންގެ، ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް ކުރުމަށް ހުރަސްއެޅޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން މިހާތަނަށް ކުރި ދިރާސާއިން ދައްކާ ގޮތުގައި، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް، ސަރުކާރުން އަޅާދޭ ފްލެޓުތަކަށް އެންމެ ގިނަވެގެން ދައްކަންޖެހޭނީ 2000 ރުފިޔާކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި، މަހުން މަހަށް ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި 2000 ރުފިޔާއަށް ކުޑަ ކޮށްދެއްވާނެކަމަށް ނާޒިމް ވަޢުދުވެވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން އެކަމާއި ގުޅޭ ގޮތުން ދިރާސާއެއް ކޮށްފިން. އެ ދިރާސާއިން ދައްކާ ގޮތުގައި އަތޮޅުތެރޭގައި އަޅާފައިވާ ފްލެޓުތަކަށް، މީހުންނަށް ގިނަވެގެން ދެއްކޭނީ 2000 ރުފިޔާ. ވީމާ ޔަޤީން ކުރައްވާ އަޅުގަނޑުގެ ސަރުކާރެއްގައި އަތޮޅުތެރޭގައި އަޅާފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ އަގު 2000 ރުފިޔާއަށް ކުޑަ ކޮށްދޭނަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ތަޢުލީމުގެ ދާއިރާއަށްވެސް އަލި އަޅުވާލާފައެވެ. އެގޮތުން، މިހާރު ރާއްޖޭގެ ތަޢުލީމީ ދާއިރާ އޮތް ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ޕްރައިމަރީން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ދަރިވަރުންނަށް ހިލޭ ކިޔަވާދެވޭނެކަމަށެވެ. އަދި ކޮންމެ ކުއްޖަކީ އޭ ސްޓަރ ލިބޭ ކުއްޖަކަށް ނުވެދާނެކަމަށާއި، ކޮންމެ ކުއްޖަކަށް ލިބިފައިވާ ހުނަރަކީ ކޮބާއިކަން ދެނެގަނެ، ކުދިންގެ ކިބަގައި ހުރި އެކި ހުނަރުތައް، ސްކޫލް މާޙައުލުގެ ތެރެއިން ކުރިއަރުވާދިނުމަކީވެސް، ތަޢުލީމީ ސިޔާސަތުގެ ދަށުން ކޮށްދެއްވާނެ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.