ޚަބަރު

ބޮޑު ތިލަދުންމަތީގައި ޓޫރިޒަމަށް އިންވެސްޓްކުރާނަމަ 3އަހަރު ޓީޖީއެސްޓީ މަޢާފްކޮށްދޭނަން: އިލްޔާސް


  • ޓީޖީއެސްޓީ މަޢާފްކޮށްދެއްވުމަށް ވިދާޅުވީ ދިއްދޫގައި

  • 3 އަހަރު ހަމަވުމުން ދައްކަން ޖެހޭނީ 50%

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ހިންގައި ތަރައްޤީކުރުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކައް ބޮޑެތި ލުއިތަކެއް ދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ހއ. ދިއްދޫއައް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ އާއި ވައުދުތައް ރައްޔިތުންނަށް ތަފްސީލްކޮށްދެއްވަމުންނެވެ.

އިލްޔާސް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށް އިންވެސްޓު ކުރާފަރާތްތަކުން ފުރަތަމަ 3 އަހަރު ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ މަޢާފްކޮށްދެއްވާނެކަމަށެވެ. އެގޮތުން އެ އިންވެސްޓަރުން 3 އަހަރު ފަހުން ދައްކަންޖެހޭނީ ޓީޖީއެސްޓީގެ 50 އިންސައްތަކަމަށެވެ.

މީގެ އިތުރުން، ގެސްޓްހައުސް އާއި ބުޓިކް ހޮޓާތައް ފަދަ ކުދި ވިޔަފާރިތަކަކީ ރާއްޖޭގައި އާމްދަނީ ލިބޭލިބޭކަން ޔަގީންވާ ވިޔަފާރިތައްކަމައް ވިދާޅުވެ، އެ ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ފައިސާ އާއި ވަސީލަތްތަށް ފޯރުކޮށްދެއްވުމަށްވެސް އިލްޔާސް ވަޢުދުވެވަޑައިގެންނެވިއެވެ.

"ގެސްޓްހައުސް އަކީ އެންމެ ގިނަ ރަށްރަށުގަ އާންމު މީހާގެ އާމްދަނީއަށް އެންމެ ފައިދާވާ ވިޔަފާރި. އަޅުގަނޑުމެން މި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި ތިބޭފުޅުންގެ ރަށުގަ، ތިބޭފުޅުންގެ އަތޮޅުގަ ކުރެވޭނެ ގޮތް ހަމަޖައްސަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގެސްޓްހައުސްގެ ބެޑުގެ އަދަދު ފަސް ގުނައަށް އިތުރު ކޮށްދޭނަން" އިލްޔާސް ލަބީބު ވިދާޅުވިއެވެ.


މިފަދަ ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ފަސޭހަކުރުމުގެ މަގްސަދުގައި ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ފަސޭހަ ވިޔަފާރި ސިޔާސަތެއް އެކުލެވިގެންވާކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

ކެމްޕެއިންގައި އިލްޔާސް މިވަގުތު ވަޑައިގެން އުޅުއްވަނީ ބޮޑު ތިލަދުންމަތީގައެވެ.