ޚަބަރު

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލާނެ: އިލްޔާސް


  • ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއަށްދިއުމަށް ދަތިތަކާއި ހުރަސްތައް ކުރިމަތިވާކަން ފާހަގަކުރެއްވި

  • އަހަރަކު 1 މިލިއަން ރުފިޔާ ލިބޭ ވިޔަފާރިތަކުން މިހާރު ޓެކްސް ދައްކަންޖެހޭ

ދަ މޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތައް، ނުވަތަ 8000 ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޖީއެސްޓީ ދެއްކުން ނިމުމަކަށް ގެންނާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވައިކަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވަނީ ވައިކަރަދޫއާއި އެ ސަރަހައްދަށް އެކި ދާއިރާތަކުން ގެންނަވާނެ ކުރިއެރުމާއި ތަރައްޤީއަށް އަލިއަޅުވާލާފަވެއެވެ.

ވައިކަރަދޫގައި ބޭއްވި ޖަލްސާގައި އިލްޔާސްގެ ވިދާޅުވީ ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއަށްދިއުމަށް ގިނަ ދަތިތަކާއި ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކުއްުޔާއި، ކަރަންޓާއި ފެންފަދަ ޔުޓިލިޓީސް ބިލުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ހަގީގީ ކުރިއެރުން ނުލިބޭކަމަށެވެ.

އާމްދަނީގެ ގޮތުގައި އަހަރަކު 1 މިލިއަން ރުފިޔާ ލިބޭ ވިޔަފާރިތަކުން ޓެކްސް ދައްކަން ޖެހޭއިރު، އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 8000 ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޓެކްސް ދެއްކުން ނިމުމަކަށް ގެނެސްދެއްވާނެކަމަށެވެ. އަދި އެ ވިޔަފާރިތައް ކުރިއަރުވަން އިތުރު މަސައްކަތްތައް ކޮށްދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"ތިބޭފުޅުން ވިޔަފާރިކުރާ ފިހާރަތަވާއި ސައި ހޮޓާތަކާއި ގެސްޓްހައުސްތައްް، މިތަންތަނުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު. 8000 އާއި 25000 ދޭތެރޭ އަރާ އެބަ ފިހާރައަކަށް. މިވަރުން ކަރަންޓު ބިލަކައް ލާރިދައްކާފަ ކިހިނެއްތޯ ވިޔަފާރިއެއް ކުރެވޭނީ؟ " އިލްޔާސް ވިދާޅުވި.

ދަ ޑިިމޮކްރެޓްސްއިން އެންމެ ފުރަތަމަ އިއުލާން ކުރި އެއް ސިޔާސަތަކީ ފަސޭހަ ވިޔަފާރި ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން، ކުދި ވިޔަފާރިތަކަށް އަންނާނެ ތަރައްޤީއާއި ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ.