ޚަބަރު

ނިކަމެތިންނަށް އެހީތެރިވުމަށް ނާޒިމްގެ 1 ބިލިއަން ރުފިޔާގެ ފަންޑެއް


  • މިއީ ނިކަމެތިންނަށް އެހީތެރިވުމަށް ތަޢާރަފްކުރި ފަންޑެއް

  • އިސްކަންދޭ ތަރުތީބެއްގެ ދަށުން ކޮންމެ ދިވެއްސަކަށްވެސް ފަންޑުން އެހީ ލިބޭނެކަމަށް

  • އެއްވެސް މީހެއްގެ އަތުން ގޯތި ނައަތުލާނެކަމަށް

ދަތި ޙަލުގައި ދިރިއުޅޭ ދިވެހިންގެ ޙަލަތު ރަނގަޅުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1 ބިލިއަން ރުފިޔާގެ ފަންޑެއް، އެމްއެންޕީގެ ރިޔާސި ކެންޑިޑޭޓް މުޙައްމަދު ނާޒިމް ތަޢާރަފްކުރައްވައިފިއެވެ.

ބިލަބޮންގ ސްކޫލް ހޯލުގައި ރޭ ބޭއްވި އެޕާޓިގެ ޖަލްސާގައި އެ ފަންޑު އިފްތާޙްކޮށްދެއްވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރަށް ލިބޭ ޢާމްދާނީގެ ބޮޑު ބައެއް ޚަރަދުކުރަން ޖެހޭނީ ނިކަމެތިންނަށްކަމަށެވެ.

އެގޮތުން، 1 ބިލިއަން ރުފިޔާގެ ފަންޑެއް ތަޢާރަފްކުރުމުގެ ބޭނުމަކީވެސް، ދިރިއުޅުމުގެ އެކި ކަންކަމުގައި ދަތިތައް ތަޙައްމަލް ކުރަމުންދާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ނާޒިމް ވިދާޅުވިއެވެ. މި ފަންޑުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި، ފަންޑަށް ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އިސްކަންދޭ ތަރުތީބެއްގެ ދަށުން، އެ ފަންޑުން އެންމެ ފުރަތަމަ އެޙިތެރިވާނީ، މިވަގުތު އެންމެ ހާލުގައި ދިރިއުޅޭ އަދި އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ މީހުންނާއި އާއިލާތަކަށްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން، ފަންޑުން އެހީ ލިބޭ ފަރާތްތަކުގެ ލިސްޓު ގެޒެޓުގައި ޝާޢިރުކުރައްވައި އެވަގުތުންފެށިގެން އެހީ ދެއްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

"ސަރުކާރަކަށް ލިބޭ ޢާމްދަނީގެ ތެރެއިން ބޮޑު ބައެއް ހޭދަ ކުރަންވާނީ އެކަމަށް ބޭނުންވާ ނިކަމެތި މީހާއަށް. އެއީ މި ފަންޑު ހުޅުވުމުގެ ބޭނުމަކީ. މިއީ ރައްޔިތުންގެ ތެރެއިން ފަރުދީ ފެންވަރުގައި ހުރި ޒަރޫރީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް، އެކަމުގެ ހައްލެއް ހޯދާދިނުމަށްޓަކައި ހުޅުވި ފަންޑެއް." ނާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ނާޒިމް ވަނީ، މާލޭގެ ވަޒަންވެރިންނަށް ގެދޮރުދިނުމާއި ގުޅޭ ގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ މާލެ ސަރަހައްދުން ގެދޮރު ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގެދޮރު ނާތުލާނެކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި، ސަރުކާރުން އެހީދީގެން މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުގައި މީހުން އާބާދުކޮށް، ގެދޮރު އެޅުމުގައި އެހީތެރިވާނެކަމަށްވެސް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.