ޚަބަރު

ނާޒިމްގެ ވަޢުދު: 3000 ލީޓަރު ފެނާ، 100 ޔުނިޓު ކަރަންޓު ހިލޭ


  • ކަރަންޓު ބިލުން ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެކަމަށް

  • ފެން ބިލުން ފުރަތަމަ 3000 ލީޓަރު ހިލޭ ކޮށްދެއްވާނެކަމަށް

  • ޕޭޕާލްގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފްކުރާނެކަމަށް

ތިންހާސް ލީޓަރު ފެނާއި، ކަރަންޓު ބިލުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނާޒިމް ވިދާޅުވީ ފެނާއި ކަރަންޓު ބިލު ދެއްކުމުގެ ތަނަވަސްކަން ނެތް ރައްޔިތުން އެބަތިބިކަމަށެވެ. އެފަދަ މީހުންނަށް އެކަމުގައި ލުޔެއް ލިބެންޖެހޭކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި، ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނެކަމަށެވެ. އަދި ފެން ބިލުންވެސް ފުރަތަމަ 3000 ލީޓަރު ހިލޭ ކުރުމަށް، މެނިފެސްޓޯގައި ހިމަނާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ސިޓީގައި ވެސް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ދަތިވާ ގިނަ ފަރާތްތަކެއް އެބަ ހުރި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެކަމަށް ލުއި ތަކެއް ލިބެން ޖެހޭ. އެހެންވީމަ އަޅުގަނޑުގެ މެނިފެސްޓޯގައި ލިޔެފައި އޮންނާނެ އެއަށް ލުއި ތަކެއް ގެންނަން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް ނާޒިމް ވަނީ ރާއްޖޭގެ މާލީ ދާއިރާއަށްވެސް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނާޒިމް ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ މުއާމަލަތްތައް ހިންގުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް އެބަހުރިކަމަށާއި، އެކަންކަން ޙައްލުކުރެއްވުމުގެ ގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ޕޭޕަލް މެދުވެރިކޮށް ރާއްޖެއިން ބޭރުން ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމަށް އަލިއަޅުއްވާލަމުން ނާޒިމް ވިދާޅުވީ، ސްކޫލް މާޙައުލުގެ ތެރެއިން އެކިކަހަލަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަވަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ ހެނދުނު ވަގުތު ދަރިވަރުން ހޭދަ ކުރަންޖެހޭނީ ކިޔެވުމުގައި ކަމަށާއި، މެންދުރުފަހުގެ ވަގުތުތައް ދަރިވަރުން ހޭދަކުރަންވާނީ، އެކްސްޓްރާ ކަރިކިޔުލަރ އެކްޓިވިޓީސްތަކުގައި ކަމަށެވެ. އެހެންކަމުން އެގޮތަށް ސްކޫލްގެ ނިޒާމް ބަދަލު ކުރައްވާނޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.