ޚަބަރު

ސިޔާސީ ވާހަކަތަކުގެ ތެރެއަށް ފުލުހުންނާއި ސިފައިން ނުވެއްދުމަށް މާރިޔާ އިލްތިމާސްކުރައްވާފި


  • ސިޔާސީ ވާހަކަތަކުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން

  • ސިފައިންނާއި ފުލުހުންނަކީ ދިވެހިންނަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ ބައެއް

  • ރައީސް އިސްކަންދެއްވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމީހުންގެ އަޑު އެއްސެވުމަށް

  • އެމްޑިޕީ އިންތިޚާބަށް ނިކުމެވަޑައިގެންނެވީ 3 ޕާޓީއަކާއިއެކު ކޯލިޝަން ހަދާގެން

ސިޔާސީ ގޮތުން ވާހަކަ ދައްކަވާއިރު، ސިފައިންނާއި ފުލުހުންނަށް ބަދު ބަސް ނުބުނުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙުގެ ކެމްޕޭން ސްޕޯކްސް ޕާސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިލްތިމާސްކުރައްވައިފިއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ބައެއް އިނދިކޮޅު ފަރާތްތަކުން، ފުލުހުންނަށާއި ސިފައިންގެ ހަރަކާތްތަކާއި ގުޅޭގޮތުން ފާޑުވިދާޅުވަމުންދާ ދަނޑަވަޅެއްގައެވެ. މާރިޔާ ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ޤައުމާއި ދިވެހީން ހިމާޔަތްކޮށްދޭ ބައެއް ކަމަށާއި، އެ މީހުން ސިޔާސީ ވާހަކަތަކުން އެއްކިބާ ކުރަންޖެހޭ ކަމަށެވެ. އަދި އެ މީހުން ކުރައްވާ މަސައްކަތަކީ ޤައުމީ، މަސައްކަތެއްކަމަށް ވިދާޅުވަމުން މާރިޔާ ވަނީ މިގޮތަށް، ފުލުހުންނާއި ސިފައިންނާއި ދެކޮޅަށް ވާހަކަ ނުފެތުރުއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ އަލިފާނުގެ އެކިއެކި ހާދިސާތަކުގައި ދިވެހި ސިފައިން ދިޔައީ އެ މީހުންގެ އަމިއްލަ ނަފްސާއި ފުރާނަ އަތްމައްޗަށް ލާގެން، އެފަދަ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތައް ސަލާމަތްކުރުމަށް ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެއްވެސް ސިޔާސީ ބޭނުމެއްގައި ފުލުހުންނާއި ސިފައިންގެ ބޭނުން ސަރުކާރުން ހިފާފާނުވާނެކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

"ތަރޑް ގްރޭޑް ސިފައިންނޭ ބުނެ ކެންޕޭނުގެ ބޭނުމަށް ތަކުރާރުކޮށް، ބައެއް އިނދިކޮޅު ކެންޑިޑޭޓުން، ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާއަށް، ބަސް ރައްދު ކުރާތީ، ރައީސް ޞޯލިޙުގެ ކެންޕޭނު ޓީމުގެ ފަރާތުން އެކަން، ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އަދި އެހެންނެހެއްދެވުމަށް އިލްތިމާސް ކުރަން." މާރިޔާ ވިދާޅުވިއެވެ.

ޕީއެސްއެމްއިން އިންތިޒާމް ކުރާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރެއްވުމުން މާރިޔާ ވިދާޅުވީ، ރައީސް ބޮޑަށް އިސްކަންދެއްވަނީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކަމަށެވެ. އަދި އިނދިކޮޅު ފަރާތްތަކުން، އެކި ގޮތްގޮތަށް އެކަމާއި ގުޅޭގޮތުން ވާހަކަދެއްކެވިނަމަވެސް، އެކަމަށް އަޅާނުލައްވާ ރައީސް ވަޑައިގަންނަވާނީ ކުރިއަށްކަމަށް މާރިޔާ ވިދާޅުވިއެވެ.