ޔޮޓް މެރީނާއަކާއި، ކްރޫސް ޓާމިނަލެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ބޮޑު ސިނަމާ ކޮންމްޕްލެކްސްއެއް އަޅާދެއްވާނެކަމުގެ، ވަޢުދުތަކާއެކު އައްޑޫސިޓީގެ ތަރައްޤީއަށް ބޮޑު ތަސައްވުރެއް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ހާމަކުރައްވައިފިއެވެ.
އައްޑޫ ސިޓީއަށް އެމަނިކުފާނުގެ ސަރުކާރެއްގައި އޮތް ތަސައްވުރު ހާމަކުރައްވަމުން ނާޒިމް ވަނީ ހިތަދޫން ފެށިގެން ހުޅުމީދޫއާއި ހަމައަށް ބްރިޖަކުން ގުޅާލުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ޒޯނަކާއެކު 5،000 ކޮންޓެއިނަރުގެ ބައިނަލްއަގުވާމީ ބަނދަރެއް އައްޑޫ ސިޓީގައި ތަރައްޤީ ކުރެއްވުމާއި، 20،000 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށްވެސް ނާޒިމްގެ ތަސައްވުރުގައި ހިމަނުއްވާފައިވެއެވެ. ނާޒިމް ވަނީ އައްޑޫ ސިޓީގެ ކޮންމެ ރަށަކަށް ކޮށްދެއްވާނެ ކަންކަން ވަކިވަކިން ވީޑިއޯ ރިޕޯޓެއްގެ ގޮތުގައި ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ހިތަދޫގައި އޮލިމްޕިކް ފެންވަރުގެ ކުޅިވަރުތައް ކުޅެވޭނެ ތަނެއް އެޅުމާިއ، އިސްލާމީ ތައުލީމާއި ދީނީ ކަންކަން ފަތުރައިދޭނެ އިސްލާމީ މަރުކަޒެއް ޤާއިމްކުރުމާއި، މަރަދޫގައި ރާއްޖެއިން ބޭރުން ކުދިން ކިޔަވަން އަންނަ ފެންވަރުގެ ޔުނިވާސިޓީއެއް އެޅުން ހިމެނެއެވެ. މީގެ އިތުރުން ޅުދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުންފަދަ އިތުރު ކަންކަންވެސް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އައްޑޫ ސިޓީއަކީ ރައްޔިތުންނަށް ހިތްހަމަޖެހިލައިގެން ދިރިއުޅެނެވޭނެ ތަނަކަށް ހައްދަވާނެކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކު ގޭގައި ބަންދުވެފައި ތިބޭކަށް ނުޖެހޭ. ބޭރަށް ނިކުމެވެން އެބަ ޖެހޭ. ބޭރުގައި ހިތްހަމަޖައްސާލާގެން އުޅެވެން އެބަ ޖެހޭ. ތީމް ޕާކުގައި ތިބެވެން ޖެހޭނެ. އަދި ފިލްމު ބަލާލަން ސިނަޕްލެކްސްގައި ތިބެވެން ޖެހޭނެ. ހަމައައެއާއިކު، ބޮއުލިންނާއި، އާޗަރީ އާއި އެކިކަހަލ ގޭމުތައް ކުޅެވެންޖެހޭނެ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އައްޑޫ ސިޓީގައި ތިބި ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ނާސިން ހޯމެއް ގާއިމް ކުރައްވައި، އަރަބި އިސްލާމް ތައުލީމުދޭ ދުނިޔޭގެ ފެންވަރުގެ މަރުކަޒެއް ގާއިމް ކުރެއްވުމަށްވެސް މި ޖަލްސާގައި ވަޢުދުވެވަޑައިގެންފައެވެ.
އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ނާޒިމް ވަޢުދުވެވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ ޑރ. އަޙްމަދު އަދީލް ނަސީރެވެ.