ސަރުކާރުން މަސައްކަތް ކުރާނީ ފްލެޓް މައްސަލަ އެންމެ އިންސާފުވެރިގޮތަށް ހައްލު ކުރުމަށް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ފްލެޓުތަކުގެ މައްސަލާގައި އޭސީސީން ބޮޑެތި މައްސަލަތައް ފާހަގަކޮށްފައިވާ ކަމަށެވެ. މިއާއެކު އޭސީސީ ރިޕޯޓު ބޮލާލާޖަހި އެހެން ގޮތަކަށް ނިންމުމަކީ ފްލެޓު ނުލިބޭ ފަރާތްތަކުގެ ހައްޤުތައް ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަދި އެހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓަށް ބޮލާލަޖަހައި އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ އެއީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެ އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެވެސް ހައްޤުތައް ގެއްލިގެން ދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރިގޮތަށް އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި." ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، އެއްވެސް ރައްޔިތެއްގެ ހައްޤު ގެއްލިގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
ސަރުކާރުން މިކަމުގައި ދެކޭ ގޮތް ހާމަކޮށްފައި މިވަނީ ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފްލެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ގޮތަށް ގެޒެޓް ކުރެވިފައިވާ ލިސްޓަށް ފްލެޓުތައް ދޭން ޖެހޭކަން ފާހަގަކޮށެވެ.
ނަމަވެސް ސަރުކާރުން ވަނީ އޭސީސީން ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، އެ ލިސްޓަށް ފްލެޓު ދިނުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފްލެޓު ދިނުމުގައި ވީހާވެސް އިންސާފުވެރިގޮތެއް ގެންގުޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ވަނީ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ އަތުން ފްލެޓު އަތުނުލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން އިޢުލާން ކުރި ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ވަނީ ވައްދާފައެވެ. އޭސީސީގެ ތަހުޤީޤަށް ފަހު އެ ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހު ވަނީ ފްލެޓު ދީފައިވާ 60 އިންސައްތަ މީހުންނަށް ޝަރުތު ހަމަ ނުވާކަމަށް ވިދާޅުވިއެވެ.