ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް މެދުކަނޑައިލާނެ ކަމުގެ އިޝާރާތެއް އީރާނުން ދީފައިވާ ކަން އެ ޤައުމުގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. ނަމަވެސް، އީރާނުން އެ ކަން ކުރާނީ އެމެރިކާއިން ވަކި ޝަރުޠުތަކަކަށް އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އެމެރިކާއިން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޕުރޮގުރާމު ހިންގުމުގެ ޙައްޤަށް އަރައިނުގަތުން ހިމެނޭ ކަމުގައި އެ ޤައުމުގެ މަޞްދަރުތަކުން ބުންޏެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މިހާރު ދަނީ މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. އަދި، އެ ކަން ވިޔަ ނުދިނުމަށް ކޮންމެ ފަދަ ފިޔަވަޅެއް އެޅުއްވުމަށް ވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ.
މަޝްވަރާތަކުގެ މަޢުލޫމާތު ލިބިފައިވާ އީރާނުގެ މަޞްދަރުތަކުން ބުނީ، އެ ޤައުމުން ހުށަހެޅުމަށް ނިންމާފައިވާ ޝަރުޠުތަކަށް ޓްރަމްޕްގެ ސަރުކާރުން އެއްބަސްވެެއްޖެ ނަމަ، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމުގެ ފުރުޞަތު އޮތް ކަމުގައެވެ. ނަން ހާމަކޮށްފައި ނުވާ އެއް މަޞްދަރުން ބުނީ، އީރާނުގެ ޝަރުޠުތައް އެމެރިކާއަށް ހުށަހަޅާފައި ނުވާ ކަމުގައެވެ. އަދި، އެ ޝަރުޠުތަކާ ގުޅޭ ގޮތުން އެމެރިކާއާ އަދި މަޝްވަރާ ކޮށްފައި ނެތް ކަމުގައެވެ.
އީރާނުގެ ޝަރުޠުތަކަށް އެމެރިކާއިން އެއްބަސްވެއްޖެ ނަމަ، އެ ޤައުމުގެ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ނިންމާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އަދި، މި ވަގުތު މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް، އެހެން ޤައުމަކަށް ފޮނުވައި، މަދަނީ ނިއުކްލިޔަރ ޕުރޮގުރާމު ކުރިއެރުވުމަށް ބޭނުންވާނެ 'ފިޔުލް ޕްލޭޓްސް' އުފެއްދުމަށް ނިންމާފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ.
ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން ވަގުތީ ގޮތުން މެދުކަނޑައިލުމަކީ އެމެރިކާއަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެއެވެ. ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގެ ތެެރެއިން މިހާތަނަށް ފަސް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާ ތަމްސީލު ކުރައްވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެ، ދެ ޤައުމުން ވެސް ވަނީ މަޝްވަރާތައް ކާމިޔާބު ކަމުގައި އެއްބަސްވެފައެވެ.
އީރާނުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓައިލުމަކީ އެމެރިކާގެ މައިގަނޑު ޝަރުޠެކެވެ. 2015ވަނަ އަހަރު ވެސް އީރާނުން ވަނީ ހުޅަނގުގެ ހަ ބާރަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، 2018ވަނަ އަހަރު އެ އެއްބަސްވުން އުވައިލައްވާފައި ވަނީ ޓްރަމްޕެވެ. އީރާނުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ފުޅާ ކޮށްފައި ވަނީ ޓްރަމްޕްގެ އަމަލުތަކާ ގުޅިގެންނެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާގެ އިތުރުން ޔަހޫދީންނާއި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، އީރާނުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އެ ޤައުމުން ބުނީ، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ހަކަތަ އުފެއްދުމަށް ހިންގާ މަދަނީ ޕުރޮގުރާމެއް ކަމުގައެވެ. އަދި، އޭގައި އަސްކަރީ އެއްވެސް ބޭނުމެއް ހިމެނިފައި ނުވާ ކަމުގައެވެ.
ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް މެދުކަނޑައިލުމަށް އީރާނުން ހުށަހަޅާފައިވާ ކަމުގައި އެ ޤައުމުގެ މަޞްދަރުތަކުން ބުނި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. އެ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ ޔުރޭނިޔަމް "މުއްސަނދި ކުރުމުގެ ޙައްޤާ މެދު މަޝްވަރާ ކުރުމެއް ނޯންނާނެ" ކަމުގައެވެ. އީރާނުގެ މަޞްދަރުތަކުން ހާމަކޮށްފައިވާ މަޢުލޫމާތާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ދެކޮޅު ހަދާފައެވެ.