ޚަބަރު

ހުޅަނގު އައްސޭރިއަށް ޢަރަބި ޚާރިޖީ ވަޒީރުން ކުރައްވަން ހަމަޖެހިފައި އޮތް ދަތުރަށް ޔަހޫދީން ހުރަސް އަޅައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޢަރަބި ފަސް ދައުލަތެއްގެ ޚާރިޖީ ވަޒީރުން ކުރައްވަން ހަމަޖެހިފައި އޮތް ދަތުރަކަށް ޔަހޫދީން ހުރަސްއެޅުމުން އެ ޢަމަލު ކުށްވެރިކޮށް ޢަރަބި ޚާރިޖީ ވަޒީރުން ނުރުހުން ފާޅު ކުރައްވައިފިއެވެ.

މިޞްރާއި އުރުދުނާއި ޤަޠަރާއި ސަޢުދީ ޢަރައްބިއްޔާގެ އިތުރުން އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވަޒީރުން ޢުރުދުނުން ހުޅަނގު އައްސޭރިއަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތީ ޖޫން މަހުގެ 1ވަނަ ދުވަހުއެވެ. ތުރުކީވިލާތުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް އޮތީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލު ކުރައްވައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްްއަޤްވާމީ އެއްބާރުލުން ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އޮތީ ހަމަޖެހިފައެވެ.

ހުޅަނގުއައްސޭރިއަށް ވަދެނިކުތުމުގެ ޙުއްދަ ދިނުން އޮންނަނީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ހުޅަނގުއައްސޭރިއާއި ފަލަސްޠީން ސަރަޙައްދުގެ ސަރަޙައްދީ ރޮނގުތަކާއި ވައިގެ ސަރަޙައްދު ބަލަހައްޓަނީ ޔަހޫދީންނެވެ.

ހުޅަނގު އައްސޭރީގެ ރާމަاللهގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޢަރަބި ލީޑަރުންގެ ބައްދަލުވުމަށް ޔަހޫދީން މި ފަދަ ގޮތަކަށް ހުރަސްއަޅާފައި މި ވަނީ ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއާ ގުޅިގެން ފަލަސްޠީނަށް މިނިވަން ދައުލަތެެއްގެ މަޤާމު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ނިއުޔޯކުގައި މި ފެށޭ ޖޫން މަހުގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ މި ޢަމަލުގެ ސަބަބުން އިސްރާއީލާއި އަވަށްޓެރި ޢަރަބި ޤައުމުތަކާމެދު އޮންނަ ގުޅުން އިތުރަށް ނުތަނަވަސްވާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޔަހޫދީންގެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54،381އަށް އުފުލިފައިވާއިރު، އިތުރު 124،055 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހިމަނައިގެން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 61،700އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ. ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ވެސް ފަލަސްޠީނުގެ 972 ރައްޔިތުން ޝަހީދު ކޮށްލައި 7،000އަށް ވުރެ ގިނަ މީހުންނަށް ޒަޚަމް ކޮށްލާފައިވެއެވެ.

ޔަހޫދީން ފަލަސްޠީނަށް ޢުދުވާނީ ޙަމަލާތައް ދީ އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަމުން ދާއިރު އދއާއި ވިލާތުގެ ޤައުމުތަކުގެ ތެރެއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމަށް ތާއީދު ކުރާ ޤައުމުތަކުން ދަނީ އިސްރާއީލަށް ފިއްތުންތައް ކުރިމަރި ކުރަމުންނެވެ. މެއި މަހުގެ 30ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ އިތުރުން ސިޔާސީ ގޮތުން ވެސް ކުރުން މުހިންމު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖަނީން ރެފިޔުޖީ ކޭމްޕު ސަރަޙައްދުގައި ޚާރިޖީ ވަފުދަކުން ޙަރަކާތްތެރިވަމުން ދިޔަ ވަގުތު އެ ސަރަޙައްދަށް ޙަމަލާތަކެއް ދީފައެވެ. އެ ވަފުދުގައި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޗައިނާގެ މަންދޫބުން ހިމެނެއެވެ. ޔަހޫދީން ދިން މި ޙަމަލާ ވެސް ބައިނަލްއަޤްވާމީ ދުނިޔެެއިން ވަނީ ކުށްވެރި ކޮށްފައެވެ.

‎ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޢަމަލުތައް ފުޅާކޮށްފިނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދުނިޔޭގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށް، އެތަނުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވަާނެ ކަމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން މި ހަފްތާގެ ތެރޭގައި ވަނީ ޢިޢުލާނު ކޮށްފައެވެ. އެ ގޮތުން ހުޅަނގު އައްސޭރީގެ 22 އިތުރު ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ވަނީ ނިންމައިފައެވެ. މި ނިންމުން ވެސް ފަލަސްޠީނުގެ ސަރުކާރާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ކުށްވެރި ކޮށްފައެވެ

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބައިނަލްއަޤްޗާމީ ޢަދުލް އިންސާފާބެހޭ ކޯޓު، އައިސީޖޭއިން ވަނީ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ އިސްތިޢުމާރު ކޮށްފައި އޮތް އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިފައެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އާބާދީތައް އެ ސަރަޙައްދުތަށް ދޫކޮށް ދިޔުމަށް އެ ކޯޓުން ވަނީ ގޮވާލައިފައެވެ.