ރަޝިޔާއާއި ޔުކްރެއިނާ ދެމެދު އެންމެ ފަހުން ބޭއްވި ޞުލްޙައިގެ މަޝްވަރާތަކުގައި ދެ ފަރާތުން ހަނގުރާމައިގެ އަސީރުން ބަދަލު ކޮށް މަރުވެފައިވާ 12،000އަށްވުރެ ގިނަ ސިފައިންގެ ހަށިތައް ރައްދު ކުރުމަށް އެއްބަސްވެއްޖެއެވެ.
2022ވަނަ އަހަރުގެ މާރިޗު މަހު ރަޝިޔާއިން ޔުކްރެއިނަށް ޙަމަލާ ދިނުމުން ފެށުނު ހަނގުރާމަ ކުރިއަށްދާތާ އިން އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު ތުރުކީވިލާތުގެ އިސްތަންބޫލުގައި ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ. ދެ ޤައުމުގެ ދެމެދުގައި ބޭއްވި މި މަޝްވަރާތަކަކީ ހަނގުރާމަ ފެށުނު ފަހުން ބާއްވާ މި ފަދަ ދެވަނަ ބައްދަލުވުމެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް ޢުުރުދުޣާން ވިދާޅުވީ އެއީ ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ ބައްދަލުވުމެއް ކަމަށާއި، ތުރުކީވިލާތުގައި ބާއްވާ އިތުރު ބައްދަލުވެއްގައި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއް މޭޒެއްގެ ދޮށަށް ގެންނަވަން އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް ޖޫން މަހުގެ 2ވަނަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައެެއް ނުވެއެވެ. ރަޝިޔާއިން އެ ހުށަހެޅުންތައް ބަލައިގަތުމަށް ޔުކްރެއިނާއި އެ ޤައުމަށް ވާގިވެރިވާ ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކާއި އެމެރިކާއިން ހިތްވަރު ދެމުންދާ ނަމަވެސް ރަޝިޔާއިން ބުނަމުން ދަނީ އެ ޤައުމުން ބޭނުން ވަނީ ދާއިމީ ގޮތަކަށް މައްސަލަ ޙައްލު ކުރުމަށް ކަމަށެވެ. ރަޝިޔާއިން ބުނަމުން ދަނީ ވަގުތީ ގޮތުން ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަކީ އެ ޤައުމުން އެދޭ ގޮތް ނޫން ކަމަށެވެ. ރަޝިޔާއިން މި މޭރުވުމުން ވާހަކަ ދައްކަމުންދާތީ ޔުކްރެއިނުން ބުނަމުން ދަނީ ރަޝިޔާއިން ހަޤީޤަތުގައި ޞުލްޙަ ޤާއިމު ކުރުމަށް ބޭނުން ނުވާ ކަމަށެވެ.
އެންމެ ގަޑިއިރެއްހާ އިރަށް ދެމިގެންދިޔަ ބައްދަލުވުމުގައި ރަޝިޔާގެ މަންދޫބުން ވަނީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ރަޝިޔާއިން ކުރާ ޝަރުތުތަކާއި ހުށަހަޅާ ހުށަހެޅުންތައް ޔުކްރެއިނާއެކު ޙިއްޞާ ކޮށްފައެވެ. ރަޝިޔާގެ ވަފުދުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ވްލަޑްމީރު މެޑިންސްކީ ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ހަނގުރާމައިގެ އިސް ސަފުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ދެ ތިން ދުވަހަށް ހުއްޓާލުމަށް އެ ޤައުމުން ހުށަހަަޅާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ ހަށިތައް އެއްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއާއި ޔުކްރެއިނާ ދެ ޤައުމުން ވެސް ވަނީ ކޮންމެ ޤައުމަކުން ވެސް 6،000 ހަށިގަނޑު އަނެއް ޤައުމާ ޙަވާކު ކުރާ ގޮތަށް ޖުމްލަ 12،000 ސިފައިންގެ ހަށިތައް ބަދަލު ކުރުމަށް އެއްބަސްވެފައެވެ. އޭގެ އިތުރުން ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ. މިއީ، ނިމުނު މެެއި މަހުގެ 14ވަނަ ދުވަހު ތުރުކީވިލާތުގައި ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ބުރަށް ފަހު ދެ ފަރާތުން 1،000 އަސީރުން ބަދަލު ކުރި ފަހުން އަސީރުން ބަދަލު ކުރާނެ ފުރަތަމަ ފަހަރެވެ.
ޔުކްރެއިންގެ ވަފުދުގައި އިސްކޮށް ހުންނެވި އެ ޤައުމުގެ ދިފާއީ ވަޒީރު ރުސްތެމް އުމެރޮވް ވިދާޅުވީ ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމުގައި އިސްކަން ދޭނީ ހަނގުރާމައިގައި ބޮޑެތި ޒަޚަމުތައް ލިބިފައިވާ މީހުންނަށާއި ޒުވާނުންނަށް ކަމަށެެވެ. އޭނާ އިތުރަށް ވިދާޅުވީ ޞުލްޙަ ޤާއިމު ކުރުމާ ގުޅޭ އެއްބަސްވުމަކާ ގުޅޭ ކަރުދާހެއް ރަޝިޔާއިން ހުަށަހަޅާފައިވާ ކަމަަށާއި ޔުކްރެއިނުން ވެސް އެ ޤައުމުގެ އަމިއްލަ ލިޔުމެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން ހުށަހަޅާފައިވާ ކަރުދާސް ޔުކްރެއިނުން މުރާޖަޢާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިނގަމުންދާ ޖޫން މަސް ނިމުމުގެ ކުރިން ރަޝިޔާއާއެކު އިތުރު މަޝްވަރާތައް ބޭއްވުމަށް ޔުކްރެއިނުން ވަނީ ހުށަހަޅާފައެވެ. އުމެރޮވް ވިދާޅުވީ އުފެދިފައިވާ ގިނަ މައްސަލަތަކަށް ޙައްލު ހޯދޭނީ ޒެލެންސްކީއާއި ޕުޓިންއާ ދެބޭފުޅުން ބައްދަލު ކުރައްވައިގެން ކަމަށް ޔުކްރެއިނުން ޤަބޫލު ކުރާ ކަމަށެވެ.
ޒެލެންސްކީގެ ޗީފް އޮފް ސްޓާފް، އަންދްރީ ޔާމަކް ވިދާޅުވީ ރަޝިޔާއާއެކު ބޭއްވި މަޝްވަރާތަކުގައި ޔުކްރެއިނުން ރަޝިޔާއަށް ޑީޕޯޓު ކޮށްލާފައިވާ ކުޑަކުދިން އަނބުރާ ފޮނުވައިދިނުމަށް އެ ޤައުމުން އެދުނު ކަމަށެވެ. ނަމަވެސް ރަޝިޔާއިން ބުނަމުން ދަނީ، ޔުކްރެއިނުން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ 339 ކުޑަކުދިން ރަޝިޔާއަށް ގެންގޮސްފައި ވަނީ ހަނގުރާމައިގެ ޙާލަަތުން އެ ކުދިން ރައްކާތެރި ކުރުމަށް ކަމަށެވެ.
ޔުކްރެއިނުގެ ފަސްބައި ކުޅަ އެއްބައި މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރަޝިޔާގެ ފައުޖު ވަނީ ވަރަށް ހަލުވިމިނުގައި ކުރިއަށް ޖެހި ގިނަ ސަރަޙައްދުތަކެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ޔުކްރެއިނުން ޤަބޫލުކުރާ ގޮތުގައި ރަޝިޔާއިން ހަނގުރާމައިގައި ޙަރަކާތްތެރިވަމުން ދަނީ ޔުކްރެއިނުން އަމާން ދިނުމަށް މަޖުބޫރު ކުރުވަމަށެވެ. ރަޝިޔާއިން ބުނަމުން ދަނީ ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުން ހުށަހަޅާފައިވާ ޝަރުތުތަކަށް ޔުކްރެއިނުން އެއްބަސް ނުވާނަމަ ޔުކްރެއިންގެ އިތުރު ސަރަޙައްދުތަކަށް ރަޝިޔާއިން އަތްގަދަ ކުރާނެ ކަމަށެވެ. ނަމަވެސް ޔުކްރެއިނުން ބުނަމުން ދަނީ އެ ޤައުމުން އަމާން ނުދޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުން ކުރާ ޝަރުތުތައް ޙިއްޞާ ކޮށްފައެވެ. ރަޝިޔާއިން ބޭނުން ވަނީ ޔުކްރެއިނުން ހުޅަނގުގެ އަސްކަރީ ބާރު، ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. އަދި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔުކްރެއިނުގެ ހަތަރު ސަރަޙައްދަކުން ޔުކްރެއިންގެ ސިފައިން ބޭލުމަށް ވެސް ވަނީ ޝަރުތު ކޮށްފައެވެ.
ޔުކްރެއިނުން ހުށަހަޅާފައިވާ މަގުޗާޓެއްގައިވާ ގޮތުން ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ފަހު ޔުކްރެއިންގެ އަސްކަރިއްޔާ ހުރަހެއް ނެތި ވަރުގަދަ ކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބެންވާނެއެވެ. އޭގެ އިތުރުން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔުކްރެއިންގެ ސަރަޙައްދުތަކަކީ އަދިވެސް ޔުކްރެއިންގެ ސަރަޙައްދުތަކެއްގެ ގޮތުގައު ބައިނަލްއަޤްވާމީ ދުނިޔެއިިން ބަލައިގަތުން ވެސް ހިމެނެއެވެ. ހަމަ އެއާއެކު ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ރަޝިޔާއިން ދިނުމަށް ވެސް ޔުކްރެއިނުން ޝަރުތު ކުރެއެވެ.