ޚަބަރު

ބޭރުގެ ހަނގުރާމަވެރިން ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް އެމެރިކާގެ ރުހުން


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ބޭރު ޤައުމުތަކުގެ ހަނގުރާމަވެރިން އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅުމަށް އެމެރިކާއިން ރުހުން ދީފައިވާ ކަން ހާމަކޮށްފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ އެމެރިކާއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަދި ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ތޮމަސް ބަރާކެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ ސަރުކާރެކެވެ.

14 އަހަރަށް ދެމިގެން ދިޔަ ސޫރިޔާގެ އަހުލީހަނގުރާމައިގައި ބައިވެރިވުމަށް ބޭރު ޤައުމުތަކުން އެތަކެއް ހާސް ހަނގުރާމަވެރިން އެ ޤައުމަށް ދަތުރު ކުރިއެވެ. އަދި، އަހުލީހަނގުރާމައިގައި ބައިވެރިވި ހަތިޔާރު އެޅި އެކި ޖަމާޢަތްތަކުގެ ދަށުން އެ މީހުން ވަނީ ހަނގުރާމައިގައި އެކި ދައުރު އަދާކޮށްފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް އެ ޤައުމުގައި އެބަތިއްބެވެ. އެ މީހުންނަށް ސޫރިޔާގެ އަސްކަރިއްޔާއާ ގުޅި، ޚިދުމަތް ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެޗްޓީއެސްގެ ސަރުކާރުންނެވެ.

ސޫރިޔާގެ ދިފާޢީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންގެ ތެރެއިން 3,500އެއްހާ މީހުންނަށް އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާއިން އެ ޤައުމަށް ދަތުރު ކޮށްފައިވާ ވީގޫރު ދަރިކޮޅުގެ މީހުންނެވެ. ސޫރިޔާގެ އަސްކަރިއްޔާގެ 84ވަނަ ޑިވިޜަނާ ގުޅުމުގެ ފުރުޞަތު އެ މީހުންނަށް ދިނުމަށް ސޫރިޔާގެ ސަރުކާރުން ނިިންމާފައިވާއިރު، އެ ޑިވިޜަންގައި ސޫރިޔާގެ ރައްޔިތުން ވެސް ހިމެނޭނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ބޭރުގެ ހަނގުރާމަވެރިން ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު ދިނުމަށް އެމެރިކާއިން ރުހުން ދީފައިވާ ކަމާ މެދު ބަރާކާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން އެ ފުރުޞަތު ދިނުމަށް އެމެރިކާއިން ރުހުން ދީފައިވާނެ ކަމުގައެވެ. "އަޅުގަނޑު ދަންނަވާނީ އެއްބަސްވުމެއް އެބައޮތޭ ދެފުށް ފެންނަ ގޮތަކަށް އެ ކަން ކުރުމުގެ ފުރުޞަތު ދިނުމަށް،" އޭނާ ވިދާޅުވިއެވެ. އެޗްޓީއެސްގެ ސަރުކާރަށް ވަފާތެރި އެ ހަނގުރާމަވެރިން އެކަހެރި ކޮށްލުމުގެ ބަދަލުގައި ސަރުކާރުގެ ބާރު ހިނގާ މަޝްރޫޢެއްގައި ބައިވެރި ކުރުމުގެ ފައިދާ ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޓީއެސުން ބަޣާވާތެއްކޮށް، ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރު ކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސުން އަސަދުގެ ސަރުކާރާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ބޭރު ޤައުމުތަކުގެ ހަނގުރާމަވެރިން ވަނީ އެ ޖަމާޢަތުގެ ސަފުތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ. ސޫރިޔާގެ އަސްކަރިއްޔާއާ ރަސްމީ ހައިސިއްޔަތެއްގައި ބައިވެރިވެ، ޚިދުމަތް ކުރުމުގެ ފުރުޞަތު އެ މީހުންނަށް ދިނުމަށް އެމެރިކާއިން މީގެ ކުރިން ދިޔައީ އިންކާރު ކުރަމުންނެވެ.

ހުސްވި މޭ މަހު ވެސް އެމެރިކާއިން ބުނަމުން ގޮސްފައި ވަނީ، ބޭރު ޤައުމުތަކުގެ ހަނގުރާމަވެރިން އެނބުރި ޤައުމަށް ފޮނުވައިލަން ޖެހޭނެ ކަމުގައެވެ. އަދި، އެއީ އެޗްޓީއެސްގެ ސަރުކާރާއި ހުޅަނގުގެ ބާރުތަކާ ދެމެދު ގުޅުންތައް ބަދަހި ކުރުމަށް ހުށަހަޅާފައިވާ މުހިންމު ޝަރުޠެކެވެ. ނަމަވެސް، ވޮޝިންގޓަންގެ ވިސްނުން ބަދަލުވެފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ މޭ މަހުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. އަދި، އޭނާ ވަނީ އެޗްޓީއެސް ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަމުންދާ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢާ ބައްދަލު ކުރައްވާފައެވެ. ޝަރާޢު ދެކޭ ގޮތުގައި އެ ޤައުމުގެ އަހުލީހަނގުރާމައިގައި ބައިވެރިވި ބޭރު ޤައުމުތަކުގެ ހަނގުރާމަވެރިން އެކަހެރި ކޮށްލުމަކީ އެ ޤައުމުގެ ދާޚިލީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އަދި، އައިއެސް ފަދަ ނިރުބަވެރި ޖަމާޢަތްތަކާ އެ މީހުން ގުޅުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ނިންމުމެކެވެ.