ޚަބަރު

ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލިސް އުވައިލަން ހުށަހެޅުމާ އެކު ނަތަންޔާހޫއަށް ފިއްތުންތައް ބޮޑުވެއްޖެ


ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިިލިސް އުވައިލުމަށް ކުއްލި މައްސަލައެއް ހުށަހެޅުމާ އެކު، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފިއްތުންތައް އިތުރުވެ، އޭނާގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލިސް، ކްނެސެޓް އުވައިލުމަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަަށް އަންނަ ހަފުތާގައި ބަހުސް ފެށުމަށް ތާވަލު ކޮށްފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުގެ ކެބިނެޓުގެ އިސް ވަޒީރަކު ވަނީ ކެބިނެޓުން އިސްތިޢުފާދީ، މަޖިލިސް އުވައިލުމަށް ހުށަހަޅާފައިވާ މައްސަލައަށް ތާޢީދު ކުރާނެ ކަމަށް ބުނެ އިންޒާރު ކޮށްފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އޭނާގެ ސަރުކާރަށް އޮތް ތާޢީދު ދަނީ ފަނޑުވަމުންނެވެ. ނަމަވެސް، ވެރިކަމުގައި ބަގުޑިބައްދައި، ވެރިކަން ޙިމާޔަތް ކުރުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ބޮޑު އިއްސައްތައެއް ބުނީ، މިއަދު އިންތިޚާބެއް ބޭއްވި ނަމަވެސް، ނަތަންޔާހުގެ ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، އޭނާގެ ވެރިކަން ވެއްޓޭނެ ކަމުގައެވެ.

ނަތަންޔާހޫގެ ވެރިކަން ކުރާ އިއްތިޙާދުން ވަކިވާނެ ކަމުގެ އިންޒާރު ކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ޔަހޫދީން ތަމްސީލު ކުރާ ޔުނައިޓެޑް ޓޯރާ ޖުޑެއިޒަމް ޕާޓީންނެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމުގައި ބައިވެރިވުމަށް އެ ޕާޓީ އަދި އެ ޕާޓީގެ މެންބަރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި، އެ ޕާޓީގެ މެންބަރުން ޔަހޫދީ ފައުޖުގައި ޚިދުމަތް ކުރުމަށް މަޖުބޫރު ކުރުވަމުންދާ ނަމަ، ވެރިކަން ކުރާ އިއްތިޙާދުން ވަކިވާނެ ކަމުގައި އެ ޕާޓީން ދަނީ ބުނަމުންނެވެ.

ޤާނޫނު ހަދާ މަޖިލިސް އުވައިލައި، ނަތަންޔާހޫގެ ސަރުކާރު ވައްޓައިލުމަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ އިދިކޮޅު ޕާޓީ، ޔެޝް އަތީދުންނެވެ. އެ ޕާޓީގެ ވެރިއަކީ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދެވެ. އެ ޕާޓީން ހުށަހަޅާފައިވާ ކުއްލި މައްސަލައަށް އަންނަ ހަފުތާގައި ބަހުސް ކުރުމަށް އޮތީ ތާވަލު ކޮށްފައެވެ. އެ ހުށަހެޅުން ފާސްވުމަށް، ކްނެސެޓުގެ 120 މެންބަރުންގެ ތެރެއިން 61 މީހުންގެ ތާޢީދު ބޭނުންވާނެއެވެ.

ހަރުކަށި ފިކުރުގެ ޔަހޫދީން ތަމްސީލު ކުރާ ޔުނައިޓެޑް ޓޯރާ ޖުޑެއިޒަމް ޕާޓީން ބުނީ، އެ ޕާޓީގެ މެންބަރުން ޔަހޫދީ ފައުޖުގައި ޚިދުމަތް ކުރުމުން އިސްތިސްނާ ކުރުމަށް ބިލެއް ފާސް ނުކޮށްފި ނަމަ، ނަތަންޔާހޫގެ ވެރިކަން ކުރާ އިއްތިޙާދުން ވަކިވާނެ ކަމުގައެވެ. އަދި، ލަޕީދުގެ ޕާޓީން ކްނެސެޓު އުވައިލުމަށް ހުށަހަޅާފައިވާ މައްސަލައަށް ތާޢީދުކޮށް، ފާސް ކުރަން އެހީތެރިވެދޭނެ ކަމުގައެވެ. އަދި، ނަތަންޔާހޫގެ ސަރުކާރު ވައްޓައިލައި، އަލުން އިންތިޙާބަކަށް ހުޅުވައިލާނެ ކަމުގައެވެ. މި ކަމުން އަރައިގަތުމަށް ނަތަންޔާހޫ މިހާރު ދަނީ ވެރިކަން ކުރާ އިއްތިޙާދުގެ މެންބަރުންނާ އެކު ސިއްރު މަޝްވަރާތަކެއް ބާއްވައި، ޑީލެއް ނުވަތަ އެއްބަސްވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުންނެވެ.

ނަތަންޔާހޫގެ ވެރިކަމަށް ނިމުމެއް އަންނަމުންދާ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވީ ނަމަވެސް އޭނާ އަދިވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ޣައްޒާގެ ވީހާވެސް ގިނަ ރައްޔިތުން ޝަހީދުކޮށް، އެ މީހުންގެ ނަސްލު ނައްތައިލުމަށެވެ. ޤަތުލުޢާންމުގެ ދަށުން އެންމެ ފަހުން ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ އަލް-އަހްލީ ހަސްފަތާލަށެވެ. އެ ޙަމަލާގައި ތިން ނޫސްވެރިން ޝަހީދު ކޮށްލާފައިވާއިރު، މިއަދުގެ މިހާތަނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 23އަށް އުފުލިފައެވެ. ޖޫން 4ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު 100އެއްހާ މީހުން ޝަހީދު ކޮށްލާފައެވެ.