ރަޝިޔާގެ ބޮމްބަރ ޖެޓުތަކަށް އަމާޒު ކޮށް ޔުކްރެއިނުން ދީފައިވާ ޑްރޯން ޙަމަލާތަކަަށް ރަޝިޔާއިން ރައްދުދޭން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާތުގައި ދަންނަވައިފިއެވެ.
ފާއިތުވި ހަތަރު މަހެއްހާ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެސް، ދެ ޤައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ނަމަވެސް ހަނގުރާމަ އަދިވެސް ދަނީ ދުވަހުން ދުވަހަކަށް އިރުތަށް ވަރުގަދަވަމުންނެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި ޔުކްރެއިނުން ރަޝިޔާގެ ދެ ފާލަމަކަށް ވަރުގަދަ ޙަަމަލާތަކެއް ދިނުމުގެ އިތުރުން ސައިބީރިޔާއާއި ރަޝިޔާގެ އުތުރުގައި ހުރި އެ ޤައުމުގެ ބޮމްބަރ ޖެޓުތަކަކަށް ޔުކްރެއިނުން ވަނީ ބޮން އަޅައިފައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔުކްރެއިނުން ހަޤީޤަތުގައި ވެސް ހަނގުރާމަ ހުއްޓާލާ ޞުލްޙަ ޤާއިމު ކުރުމަށް ބޭނުންވާ ކަމާމެދު ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ ސުވާލު އުފައްދަވައިިފިއެވެ. ޕުޓިން ވިދާޅުވީ ޔުކްރެއިނުން ޞުލްޙަ ޤާއިމު ކުރުމަށް ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ޤަބޫލު ކުރައްވާ ކަމަށެވެ.
ޔުކްރެއިނުން ރަޝިޔާއަށް ދިން ޙަމަލާ އެންމެ އިސް ވަޒީރުންނާއެކު މަޝްވަރާ ކުރައްވައި ގޮތް ނިންމެވުމަށް ފަހު ޕުޓިން ވަނީ ޓްރަމްޕްއާ ގުޅުއްވައި ޔުކްރެއިނުން ދިން ޙަމަލާއާއި އީރާނާ ގުޅޭ ގޮތުން ޓްރަމްޕްއާއެކު މަޝްވަރާ ކުރައްވައިފައެވެ. ދޮޅު ގަޑިއިރެއްހާ އިރަށް ދެމިގެންގިޔަ ފޯނު ކޯލުގައި ޔުކްރެއިނުން ރަޝިޔާގެ ވައިގެ ވަޞީލަތްތަކަށް ގެއްލުން ދިނުމާއި ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ އެހެން ޙަމަލާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ. ޓްރަމްޕް ވަނީ ޕުޓިންއާއެކު ދެކެވުނު ވާހަކަތަކަކީ ރަނގަޅު މަޝްވަރާއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އަލީގައި ވަގުތުން ޞުލްޙަ ޤާއިމު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާތަކުގައި ރަޝިޔާއިން ވަނީ ޔުކްރެއިނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ރަޝިޔާގެ ބޮމްބަރުތަކަށް ޙަމަލާ ދިނުމުގެ ކުުރިން އެ ރޭވުން އެމެރިކާއާ ޙިއްޞާ ކޮށްފައި ނުވާ ކަމަށް ޓްރަމްޕް ޕުޓިންގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ޔުކްރެއިނުން ރަޝިޔާގެ ޖެޓުތަކަށް ދީފައިވާ ޙަމަލާގެ ބަދަލުގައި އެ ޤައުމުން ވަރުގަދަ ޙަމަލާ ދޭނެ ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށެވެ.
ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ޔޫރީ އުޝަކޮވް ވިދާޅުވީ ޓްރަމްޕްއާ ދެއްކެވި ވާހަކަފުޅުގައި ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ކުރިއަށް ގެންގޮސްފައިވާ ޞުލްޙައިގެ ވާހަކަތައް ކުރިއަށް ގޮސްފައި ވަނީ ރަނގަޅަށް ކަމަށް ޕުޓިން ދަންނަވާފައިވާ ކަމަށެެވެ. ނަމަވެސް އެ މަޝްވަރާތަކަށް ހުރަސް އެޅުމަށް ޔުކްރެއިނުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޕުޓިން ފާހަގަ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ފަރާތުގެ ދެމެދުގައި ޞުލްޙައާގުޅޭ ރޭވުންތައް ބަޔާން ކޮށްފައިވާ އެއްބަސްވުންތައް ބަދަލު ކޮށްފައިވާ ކަމަށާއި އެ ލިޔެކިޔުންތައް ދެ ފަރާތުން ވެސް ދިރާސާ ކުރާނެ ކަމަށް އޭނާ ވިިދާޅުވިއެވެ. އެއަށްފަހު ދެ ފަރާތުގެ ދެމެދުގައި އަލުން މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އުޝަކޮވް އިތުރަށް ވިދާޅުވީ ދެ ރައީސުން ބައިނަލްއަޤްވާމީ އެހެން މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ. އެ ގޮތުން މެދުއިރުމަތީގެ މައްސަލައާއި، އީރާނާއި އެ ޤައުމުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭ ކަންކަމުގައި ރަޝިޔާއަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާންގެ މައްސަލައިގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް ނުގެންގުޅެވޭނެ ކަމަށް އެމެރިކާއިން ދެކޭ ދެކުމަށް ޕުޓިން ތާއީދު ކުރައްވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެެވެ. އަދި ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ މަޝްވަރާތަކަށް އަވަސް ކުރިއެރުން ލިބުން ހުއްޓުވާ ލަސް ކުރަން އީރާނުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައިވެއެވެ.
އެމެރިކާއާއި ރަޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިޔަރ ބާރެވެ. ނިއުކްލިޔަރ ހަތިޔާރުގެ 88 އިންސައްތަ ޙިއްޞާ ކުރަނީ މި ދެ ޤައުމުންނެވެ. ދެ ޤައުމުން ވެސް ނިއުލްލިޔަރ ޙަމަލާ ދިނުމަށް ބޭނުން ކުރަނީ މައިގަނޑު ތިން ގޮތެކެވެ. ފުރަތަމަ ގޮތަކީ ބޮމްބަރ ޖެޓު މެދުވެރި ކޮށެވެ. ދެވަނަ ގޮތަކީ އެއްގަމުގައި ތިބެ ފޮނުވާ ބެލިސްޓިކް މިސައިލް މެދުވެރި ކޮށްެވެ. ތިންވަނަ ގޮތަކީ ސަބްމެރިން މެދުވެރިކޮށް ފޮނުވާ ބެލިސްޓިކް މިސައިލްއެވެ. މި ތިން ގޮތުން ކުރެ އެއްވެސް ގޮތަކަށް އަމާޒު ކޮށް ޙަމަލާއެއް ދީފި ނަމަ އެއީ ވަރަށް ސީރިއަސް ޙަމަލާއެއްގެ ގޮތުގައި އެ ޤައުމުތަކުން ދެކޭނެއެވެ.