ޚަބަރު

އެމްޕޮކްސަކީ އަދިވެސް ޢާންމު ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެއް: ޑަބްލިޔުއެޗްއޯ


ގައިންގަޔަށް އަރާ ބައްޔެއް ކަމުގައިވާ އެމްޕޮކްސް އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލީގެ ސަބަބުން މުޅި ދުނިޔޭގައި ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ފިލައިގެން ގޮސްފައި ނުވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހާމަކޮށްފިއެވެ. އެމްޕޮކްސްގެ ފަރާތުން ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ކުޑަވެފައި ނުވާ ކަން ހާމަކޮށް، ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ، މި ބަލިން ރައްކާތެރިވުމަށް އެޅުމަށް އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތައް މުރާޖާ ކުރައްވައި، އިތުރު ފިޔަވަޅުތަކެއް އިޢުލާނު ކުރައްވާފައެވެ.

އެމްޕޮކްސްގެ ފުށުން ޢާންމު ޞިއްޙަތަށް ނުރައްކާ އޮތް ކަން ހާމަކޮށް، ޑަބްލިޔުއެޗްއޯން ކުއްލިހާލަތު އިޢުލާނު ކޮށްފައިވާ ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެ ބަލީގައި އައު ވޭރިއެއްޓެއް ހަލުވިކަމާ އެކު ފެތުރެން ފަށައި، ކޮންޓުރޯލު ގެއްލުމާ ގުޅިގެންނެވެ. ކޮންގޯގެ އިތުރުން އެ ޤައުމާ އިންވެގެން އޮތް އެހެން ޤައުމުތަކުގައި ވެސް ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ކަން ޑަބްލިޔުއެޗްއޯން ވަނީ ހާމަކޮށްފައެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ޑަބްލިޔުއެޗްއޯގެ އިންޒާރުގެ ނިޒާމުގެ އެންމެ މަތީ ދަރަޖައެވެ.

އެމްޕޮކްސަކީ ހަލުވިކަމާ އެކު ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ބަލި ޖެހޭ ގިނަ މީހުން ބަލިން ފަސޭހަވި ނަމަވެސް، ފުރާނައަށް ނުރައްކާވާ މި ބައްޔަކީ ވެކްސިންގެ ޒަރީއާއިން ރައްކާތެރިކަން ހޯދޭ ބައްޔެކެވެ. މި ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ބޭނުން ކުރަނީ ކަށިވިދުރިއަށް ޚާއްޞަ ކޮށްފައިވާ ވެކްސިނެވެ.

ޢާންމު ގޮތެއްގައި މި ބައްޔަކީ ރާމާމަކުނާއި މީދާ ފަދަ ޖަނަވާރުގެ ފުށުން، ވައިރަހެއްގެ ޒަރީއާއިން އިންސާނުންނަށް ވާސިލުވާ ބައްޔެކެވެ. އަދި، ގައިގޯޅިވެ، އެއްތާވެ އުޅުމުގެ ސަބަބުން އެކެއްގެ ކިބައިން އަނެކަކަށް ހަމުގެ ތެރެއިން ނުވަތަ ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ނޭވާ ކުރުވުން، އަދު ހިކި ކެއްސުމަކުން ކެއްސުން ހިމެނެއެވެ. އަދި، ބައެއް ހާލަތްތަކުގައި މޫނާއި، އަތާއި މުޅި ހަށިގަނޑުގައި ދޮސް ބިހިތަކެއް ނަގައެވެ.

ޞިއްޙީ ދާއިރާގެ މާހިރުން ބުނީ، މި ވަގުތު ހަލުވިކަމާ އެކު އެމްޕޮކްސް ފެތުރެމުން ދަނީ ކަށިވިދުރި ފެތުރުން ކޮންޓުރޯލު ކުރުމަށް ބޭނުން ކުރާ ވެކްސިން ޖަހައިދިނުން މަދުވުމާ ގުޅިގެން ކަމުގައެވެ. ކަށިވިދުރިއަކީ 1980ގެ އަހަރުތަކުގެ ނައްތައިލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ނުރައްކާތެރި ބައްޔެކެވެ. ކަށިވިދުރި ވެކްސިން ޖެހުން މަދުވުމާ އެކު، އެމްޕޮކްސް ފެތުރުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގެ މާހިރުން ޤަބޫލު ކުރެއެވެ.

2022ވަނަ އަަހަރުގެ މޭ މަހުގެ ތެރޭގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު އެމްޕޮކްސް ބަލި ފެތުރިގެން ދިޔައެވެ. އެ ފަހަރު ބަލި ޢާންމުވީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. އެ ފަހަރު ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ޚާއްޞަ ކެމްޕޭންތަކެއް ހިންގައި، ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ފޯރުކޮށްދީފައިވެއެވެ.

2023ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރެމުން ދަނީ ކްލޭޑް 2ބީގެ ނަން ދީފައިވާ ވޭރިއެންޓެއްގެ ފުށުންނެވެ. ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި އިރުމަތީގެ ޤައުމުތަކުގައެވެ. މި ބަލީގެ ދެ ވޭރިއެންޓެއް ފެތުރެއެވެ: އެއީ ކްލޭޑް 1 އަދި ކްލޭޑް 2އެވެ. މި ދެ ވޭރިއެންޓަކީ ވެސް ވެކްސިންގެ ޒަރީއާއިން ފެތުރުން ކޮންޓުރޯލު ކުރެވޭ ދެ ވޭރިއެންޓެވެ. އެފްރިކާ ބައްރުގެ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާ، ވިލާތުގެ ޤައުމުތައް، އޭޝިޔާ، އަދި އުތުރާއި ދެކުނު އެމެރިކާގެ ޤައުމުތަކުން ވެސް ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން މި ބަލި ޖެހިފައިވާ ހަތަރު މީހުން ފެނިފައިވެއެވެ. އެއީ، 2024 ނޮވެންބަރުގައި ފެނުނު ކޭހަކާއި، މި އަހަރުގެ ޖަނަވަރީ މަހު ބަލި ޖެހިފައިވާ މީހަކާއި ފެބުރުވަރީ މަހު ބަލި ޖެހިފައިވާ ކަމަށް ދެނެގަނެވިފައިވާ ދެ މީހެކެވެ. އެފްރިކާ ބައްރުގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ކޮންގޯގައި ވެސް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ.

ކޮންގޯގެ އިތުރުން މި ވަގުތު ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ބުރުންޑީ، ކެންޔާ، މަލާވީ، ރުވާންޑާ، ދެކުނު ސޫދާން، ޓެންޒެނިޔާ، ޔުގާންޑާ އަދި ޒެމްބިޔާ ހިމެނެއެވެ. މީގެ އިތުރުން، 2024 ޖަނަވަރީން ފެށިގެން ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި އެންގޯލާ، އޮސްޓްރޭލިޔާ، ބެލްޖިޔަމް، ބްރެޒިލް، ކެނެޑާ، ޗައިނާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިޔާ، އަޔަލެންޑް، އޮމާން، ޕާކިސްތާން، ޤަޠަރު، ދެކުނު އެފްރިކާ، ސްވިޑެން، ސްވިޓްޒަލެންޑް، ތައިލެންޑް، އެކުވެރި ޢަރަބި ޢިމާރާތް، އިނގިރޭސިވިލާތް، އެމެރިކާ އަދި ޒިމްބާބްވޭ ހިމެނެއެވެ.

2024ވަނަ އަަހަރުގެ އޮގަސްޓު މަހަށް ފަހު ބަލީގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު، ބަލި ޖެހިފައިވާ 100,000އަށްވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފައެވެ. މި ގޮތުން، 122 ޤައުމަކުން ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު، އޭގެ ތެރެއިން 115 ޤައުމަކީ މީގެ ކުރިން ބަލި ފެނިފައިވާ ޤައުމުތަކެއް ނޫނެވެ. އެ ޤައުމުތަކުގައި ބަލި ފެތުރެމުން ދަނީ ކްލޭޑް 2ބީ ވޭރިއެންޓުގެ ސަބަބުން ކަމުގައި ޞިއްޙީ ދާއިރާގެ މާހިރުން ބުންޏެވެ.