ޚަބަރު

ޣައްޒާގައި އެހީ ބަހާ މަރުކަޒަކަށް މިއަދުވެސް ޙަމަލާދީ، 35 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ޤާއިމު ކޮށްފައިވާ މަރުކަޒަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ބަޑި އާއި ވައިގެ މަގުން ދިން އައު ޙަމަލާތަކެއްގައި، ފަލަސްޠީނުގެ އިތުރު 35 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ޝިފާ އާއި އަލް ޤުދުސް ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ ނެޓްޒާރިމް ކައިރީގައި ހުރި އެހީދޭ މަރުކަޒެއް ދޮށަށް އެއްވި މީހުންގެ ތެރެއަށް ޔަހޫދީންގެ ނިރުބަވެރި ސިފައިން ބަޑިޖެހުމުގެ ސަބަބުން މަދުވެގެން 25 މީހަކު މަރުވެ، ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އދ.އިން ބުނާ ގޮތުގައި، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 163 އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 1،000އަށް އަރާ ކަމުގައެވެ.

މިއީ، ޖީއެޗްއެފާ ގުޅިގެން ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކެއްގެ ގޮތުގައި އދގެ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތަކުން ސިފަ ކުރެއެވެ. ޔަހޫދީ ފައުޖުން ބުނީ، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ޙަމަލާ ދެމުން ދަނީ، ޔަހޫދީ ސިފައިންގެ ފުރާނައަށް ނުރައްކާވާތީ ކަމުގައެވެ.

ޖީއެޗްއެފުން ބުނީ، އެހީ ދޭ މަރުކަޒުތަކުގެ ކައިރީގައި ހަމަނުޖެހުންތައް ހިނގަނީ، އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްނުދެވޭތީ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެހީގެ މިންވަރު އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ޖީއެޗްއެފްގެ އަތްދަށަށް ގެންދިޔުމަށް ފަހު، ޔަހޫދީން ވަނީ އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ފެޔަށް ޖައްސާފައެވެ. މާރިޗު 2ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައިވާއިރު، ޣައްޒާގައި އާބާދީގައި ހިމެނޭ 2.3 މިލިޔަނެއްހާ މީހުންގެ %100 މީހުން މި ވަގުތު ހައިހޫނުގައި ޖެހުމަށް ހުށަހެޅިފައިވާ ކަމުގައި އދގެ އިދާރާތަކުން ހާމަކުރިއެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.

ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތު ދީފައި ވަނީ އެތައް ހާސް ބަޔަކު ފާޅުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްްއަޤްވާމީ ދުނިޔެއިން ޔަހޫދީންނަށް ފިއްތުންތައް ކުރުމަތި ކުރަން ފެށުމުންނެވެ.