ވިސާގެ މައްްސަލައަކާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަނުން ދުނިޔޭގެ އެންމެ މަޤުބޫލު ޓިކްޓޮކް ތަރި ކަމަށްވާ ކަބީ ލާމޭ ހިފެހެއްޓުމަށް ފަހު، އެ ޤައުމުން ފުރުމުގެ ފުރުޞަތު ދީފިއެވެ.
ސެނެގަލްއާއި އިޓަލީވިލާތާ ދެ ޤައުމަށް ނިޞްބަތްވާ ޓިކްޓޮކް ތަރި އެމެރިކާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު، ހެރީ ރީޑް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުންނެވެ. އެއީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެމެރިކާއިން ފުރާފައި ނުވާތީއެވެ. މިފަދަ ޙާލަތްތަކުގައި ޤަވާއިދާ ޚިލާފުވާ މީހުން އާންމު ގޮތެއްގައި ވަކި މުއްދަތަކަށް އެމެރިކާއަށް އަނބުރާ ނާދެވޭ ގޮތަށް ޑިޕޯޓު ކޮށްލައެވެ. ނަމަވެެސް، ލާމޭ ޑިޕޯޓު ކޮށްލުމުގެ އަމުރެއް ނެރުމުގެ ބަދަލުގައި، އަމިއްލަ އިޚްތިޔާރުގައި އެމެރިކާއިން ފުރުމުގެ ފުރުޞަތު އޭނާއަށް ވަނީ ދީފައެވެ.
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓު، އައިސްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކަން ޔަޤީން ކޮށްދީފައެވެ. އައިސްއިން ބުނީ ލާމޭ އެމެރިކާއަަށް އެތެރެވީ އޭޕްރިލް މަހުގެ 30ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ވިސާގައި ބަޔާން ކޮށްފައިވާ ޝަރުތުތަކާ ޚިލާފަށް ލާމޭ އެމެރިކާގައި މަޑުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ އިމިގްރޭޝަނުން ލާމޭ ހިފެހެއްޓުމަށްފަހު އަމިއްލަ އިޚްތިޔާރުގައި އެ ޤައުމުން ފުރުމުގެ ފުރުޞަތު ދީފައި ވަނީ އެ ޤަައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަނާ ގުޅުންހުރި ހަރުކަށި ސިޔާސަތުތަކާމެދު އާންމުން ހިތްހަމަނުޖެހި، ލޮސް އެންޖެލީސްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާތައް ފަށާފައި ވަނީ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތަކުގައި އައިސްއިން ރޭޑުތައް ޖަހައި، ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރުމާ ގުޅިގެންނެވެ.
އުމުރުން 25 އަހަރުގެ ކަބީ ލާމޭއަށް މަޝްހޫރު ކަން ލިބުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ތައްޔާރު ކުރަން ފެށި ވީޑިޔޯތަކެއްގެ ސަބަބުންނެބެ. އެ ވީޑިޔޯތައް މަޝްހޫރުވީ އޭނާ އެންމެ ބަހެއް ވެސް ނުބުނެ މީހުންގެ މުނިފޫހިފިލުވައިދޭތީއެވެ. ޓިކްޓޮކުގައި އޭނާގެ 162 މިލިޔަނަށްވުރެ ގިނަ ފޮލޮވަރުން ހުރެއެވެ.