ޚަބަރު

ހަމަޖެހުން ޤާއިމުކުރަން ކަމަށް ބުނެ އިނގިރޭސިވިލާތުގެ އިތުރު އަސްކަރީ އުޅަނދުތައް މެދުއިރުމައްޗަށް ޖަމާކުރަނީ


މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށްޓަކައި، އިނގިރޭސިވިލާތުގެ އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް، އެ ޤައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

ޖޫން 13ވަނަ ދުވަހު އީރާނަށް ޔަހޫދީ ފައުޖުން އިސްވެ ޙަމަލާދީ އީރާނުގެ ސައިންސްވެރިންތަކަކާއި އަސްކަރީ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.

އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކާއެކު އަސްކަރީ އެހެން އުޅަނދުތައް ވެސް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.

އެއީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް މިހާރު ވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވެއެވެ. ސްޓާމަރގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އީރާނާއި އިސްރާއީލުގެ ކުރިމަތިލުންތަކާއެކު ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވެފައިވާކަން އެނގުމާއެކު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން، އަސްކަރީ އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފެށިއްޖެއެވެ.

މިގޮތުން، އަސްކަރީ މަރުކަޒުތަކަށް ތެޔޮ އަޅަން ބޭނުންކުރާ އިތުރު އުޅަނދުތަކާއެކު ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތައް ވެސް އެ ސަރަޙައްދަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.