ފާއިތުވި ހަފުތާގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިތުބާރު ނެތް ކަމުގެ ދެ މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީސް އުވައިލައި، ނަތަންޔާހޫގެ ސަރުކާރު ވައްޓައިލުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، އެ ކަމުން އަރައިގަނެ، އަނިޔާވެރި ނަތަންޔާހޫ މި ވަނީ އޭނާގެ ސިޔާސީ ކުރިމަގު، ކައިރި މުސްތަޤުބަލަކަށް ރައްކާތެރި ކޮށްފައެވެ. އަދި، ވެރިކަމުގައި ބަގުޑިބެއްދުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.
ނަތަންޔާހޫގެ ވެރިކަމާއި، އޭނާގެ ސަރުކާރުގެ ސިޔާސީ ކުރިމަގު ދިފާޢު ކުރުމަށް އޭނާ ބޭނުން ކޮށްފައިވާ އުކުޅަކީ ދޮގު ބުހުތާންތަކެއް ފަތުރައި މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމެވެ. ގިނަ ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި އީރާނަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، އެ މީހުންގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. އެހެންކަމުން، ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އީރަނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފެށުމާ އެކު، ގިނަ ޔަހޫދީން މި ވަނީ އޭނާގެ ފަހަތަށް އަރާފައެވެ. އޭގެ ތެރޭގައި، އިދިކޮޅު ސިޔާސީ ޕާޓީތަކާއި ޔަހޫދީ ޢާންމު ރައްޔިތުން ވެސް ހިމެނެއެވެ.
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޖޫން 19ވަނަ ދުވަހަށް އޮތީ ތާވަލު ކޮށްފައެވެ. ނަމަވެސް، އޭނާ އެ ކަމުން ސަލާމަތްވީ، މައްސަލަ ހުށަހެޅި ޕާޓީއާ އެކު އެއްބަސްވުމެއް އެކުލަވައިލައިގެންނެވެ. ޑީލެއް ހަދައިގެންނެވެ. ނަތަންޔާހޫ ވެރިކަމުން ދުރު ކުރުމަށް ހުށަހަޅާފައި ވަނީ ޔަހޫދީންގެ ގުރޫޕަކުންނެވެ. އެ މައްސަލަ ހުށަހެޅި ސިޔާސީ ޕާޓީއާ އެކު އެއްބަސްވުމެއް އެކުލަވައިނުލެވުނު ނަމަ ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލިސް އުވައިލެވުނީހެވެ. އަދި، ނަތަންޔާހޫގެ ސަރުކާރު ވެއްޓުނީހެވެ.
ޖޫން 16 ވަނަ ދުވަހު ވެސް ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކަށް ޤާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރިއެވެ. އެއީ، އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނުގެ ދަރިކޮޅުގެ ރައްޔިތުން ތަމްސީޅު ކުރާ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ. ނަމަވެސް، އެއްްވެސް ފަރާތެއްގެ ތާޢީދެއް ނެތި، އެ ވޯޓު ވަނީ ނާކާމިޔާބުވެފައެވެ. ކުރި ލިބުނީ ނަތަންޔާހޫއަށެވެ. އަދި، އޭނާގެ ނިރުބަވެރި ސިޔާސަތުތަކާއި އަނިޔާވެރި ސަރުކާރަށެވެ.
ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އީރާނަށް ދޭން ފަށާފައިވާ ނިރުބަވެރި ޙަމަލާތަކާ އެކު ޔަހޫދީންގެ މެދުގައި އެއްބައިވަންތަކަށް ބޮޑުވެ، އޭނާގެ ފަހަތަށް ސިޔާސީ ޕާޓީތަކާއި ޢާންމު ރައްޔިތުން އަރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ނަތަންޔާހޫގެ ފަހަތަށް އަަރައި، އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައަށް ތާޢީދު ކޮށްފައިވާ މީހުންގެ ތެރޭގައި ޒަޔަނިސްޓުންގެ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދް ހިމެނެއެވެ. މީގެ ހަފުތާތަކެއް ކުރިން އޭނާއަކީ އަނިޔާވެރި ނަތަންޔާހޫއަށް ފާޑުކިޔައި، ބަހުގެ ޙަމަލާތައް އަމާޒު ކުރަމުން ދިޔަ މީހެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ނަތަންޔާހޫ ފަށާފައިވާ ޤަތުލުޢާންމު ހުއްޓައިލުމަށް ވެސް އޭނާ އެއިރު ދިޔައީ ގޮވައިލަމުންނެވެ. ނަމަވެސް، މިހާރު އޭނާއަކީ ނަތަންޔާހޫގެ ހަނގުރާމައަށް ތާޢީދު ކުރާ މީހެކެވެ. އަދި، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމަށް އޭނާ ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރު އަޅަމުންނެވެ.
ނަތަންޔާހޫގެ ސަރުކާރު ވެއްޓި އައު އިންތިޚާބެއް ބާއްވައިފި ނަމަ، އެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައިވާ އެކަކީ ޒަޔަނިސްޓުންގެ ކުރީގެ ބޮޑުވަޒީރު ނަފްތަލީ ބެނެތެވެ. އޭނާ ވެސް ބުނީ، އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގައި ޔަހޫދީން އެއްވެސް ސިޔާސީ ފިކުރެއް އިސްކޮށްގެން ނުވާނެ ކަމުގައެވެ.
ނަމަވެސް، ނަތަންޔާހޫގެ ހަނގުރާމައަށް މި ވަގުތު ލިބެމުންދާ ތާޢީދު ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ. އެ ގޮތަށް ޤަބޫލު ކުރާ އެކަކަކީ ޢާޔިދާ ތޫމާ-ސުލައިމާނެވެ. އޭނާއަކީ ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގައި ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާ ޙަދާޝް-ތަޢާލާ ޕާޓީގެ މެންބަރެކެވެ. އެއީ، އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނުގެ ދަރިފަސްކޮޅުގެ ރައްޔިތުން ތަމްސީލު ކުރާ ޕާޓީއެކެވެ.
"ސިޔާސީ ގޮތުން ބަލާއިރު، އިދިކޮޅު ޕާޓީތަކުން ހަނގުރާމައަށް ތާޢީދު ކުރަން ފެށުމަކީ ހައިރާންވާ ކަމެއް ނޫން. ކުޑަކުދިން ޝަހީދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަން ދެނެގަންނަން އެ މީހުންނަށް ދޮޅު އަހަރު ނެގި. ނަތަންޔާހޫ ޖަހާހާ ބެރަކަށް ނަށަން ނުޖެހޭ ކަން އެނގެން ވެސް އެ މީހުންނަށް އިތުރު ދޮޅު އަހަރު ބޭނުންވާނެ،" ތޫމާ-ސުލައިމާން ބުންޏެވެ.
"އަޅުގަނޑުމެން ފިޔަވައި، މި ކަމާ [އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައާ މެދު] އިސްރާއީލުގައި ސުވާލު އުފައްދާ އިތުރު ބަޔެއް ނެތް، އަޅުގަނޑުމެންނަކީ ފަލަސްޠީނުގެ ރައްޔިތުން، އެހެންވީމާ އަޅުގަނޑުމެންނަށް އިތުބާރު ކުރުމެއް ނޯންނާނެ. ވައަތުގައި ފިޔައިގެ ޒަޔަނިސްޓުންގެ ނަމުގައި ވަކާލާތު ކުރަމުންދާ މީހުން ވެސް އެ ދަނީ ހަނގުރާމައަށް ތާޢީދު ކުރަމުން. އިސްރާއީލުގެ ކޮންމެ ކުޑަކުއްޖަކު ތަރުބިއްޔަތު ކުރަނީ އެ ކުދިންގެ ފުރާނައަށް [އީރާންގެ ކިބައިން] ބޮޑު ނުރައްކަލެއް އޮތޭ ބުނެ،" އޭނާ ބުންޏެވެ.
ޖޫން 13 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 639އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށް އަރައެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، އިތުރު 1,300އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، 5,000އެއްހާ މީހުންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާފައެވެ.