ކުޅިވަރު

ވޯލްޑް ކަޕް ކުޅެން ނިއުޒީލެންޑް ކީޕަރުގެ ކައިވެނި ކެންސަލް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ނިއުޒީލޭންޑްގެ ގައުމީ ޓީމަށް ނެގުމުން ކީޕަރު މައިކަލް ވުޑްގެ ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އުމުރުން 27 އަހަރުގެ އޯކްލޭންޑްގެ ކީޕަރު ނިންމައިގެން ހުރީ މި އަހަރުގެ ޖޫން މަހު އޭނާގެ ލޯބިވެރިޔާ ޒަނާ ރެންޓޮންއާ ކައިވެނި ކުރުމަށެވެ. ހުރިހާ ޕްލޭންތަކެއް މި ތާރީހަށް ފައިނަލް ކުރީ ގައުމީ ޓީމުން ވުޑަށް ފުރުސަތު ނުލިބޭނެ ކަމަށް ދެކިގެންނެވެ.

ނިއުޒީލޭންޑްގެ ކޯޗު ޑަރެން ބާޒްލީ އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި ވުޑްވާނީ ތިން ވަނަ ކީޕަރަށެވެ. ޓީމުގެ އެއްވަނަ ދެ ވަނަ ކީޕަރުންނަކީ މެކްސް އާއި އެލެކްސް ޕޯލްސަން އެވެ. މިހެންވެ ވޯލްޑް ކަޕުގައި އޭނާ އަށް އެންމެ މިނިޓެއް ވެސް ކުޅޭކަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

"އަހަރެންގެ ލޯބިވެރިޔާ ވަރަށް ތަރުހީބުދޭ (ވޯލްޑް ކަޕް) ކުޅެން. މިއީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އަންނަ ކަމެއް. ޓީމުގައި އަހަރެންގެ ރޯލު ވެސް ވަރަށް ސާފު. އެހެން ނަމަވެސް ވޯލްޑް ކަޕް ކުޅެން ކައިވެނި ފަސް ކުރުމަކީ ކުރަން ގޯސް ކަމެއް ނޫން. އަހަރުމެން ދެން އިންނާނީ އަންނަ އަހަރު،" ކީޕަރު ބުންޏެވެ.

ހުސްވި ސީޒަނުގައި އޯކްލެންޑްގައި ވެސް ވުޑް ގިނައިން އިނީ ބެންޗުގަ އެވެ. އޭނަ އަށް ކުޅެން ފުރުސަތު ލިބުނީ އެއްވަނަ ކީޕަރު އޮލިވަރ ސެއިލްގެ ކަކޫ ހަލާކުވުމުންނެވެ. ނަމަވެސް ލިބުނު ފުރުސަތުގައި ވުޑް ވަނީ މޮޅަށް ކުޅެފަ އެވެ. ގައުމީ ޓީމުން އޭނަ އަށް ފުރުސަތު ދޭން ކޯޗު ވިސްނީ ވެސް މިހެންވެ އެވެ.

ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ބާއްވާ ވޯލްޑްކަޕް ކުޅޭ 48 ގައުމުގެ ތެރެއިންފީފާ ރޭންކިންގެ ފުލުގައި އޮތް ނިއުޒީލެންޑް ހިމެނެނީ އިރާނާއި މިސުރާއި ބެލްޖިއަމާއެކު ގްރޫޕް ޖީގަ އެވެ.