މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި، ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި، ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ، ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ވިލުފުށީ ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ، 41.62 ގުރާމު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން ވަޙީދު (28އ) އާއި، މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޢާޞް އިބްރާހީމް (34އ) 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރަށްމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.