ޚަބަރު

ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިއްޖެ


  • އަންގާރަ ދުވަހު ތާރު އެޅުމުގެ މަސައްކަތް ފަށާނެ

  • ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވިދާޅުވީ، ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.

އެމްޓީސީސީން ވިދާޅުވީ، މަގުގެ ދުވާރު ހެދުމާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.


ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންގާރަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށާއި، ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނު ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ފެށްޓެވި ރިންގް ރޯޑް މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ. ރައީސް ވިދާޅުވީ، މާލޭގެ ވަށައިގެން ރިންގެއްގޮތަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމިގެންދާއިރު ބޭރުމަގަކީ ދެކޮޅަށް ދުއްވޭ ފުޅާމަގަކަށްވާނެ ކަމަށެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މިންވަރު ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްދާ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރާނެއެވެ. އަދި މި ފިޔަވަހި ނިމުމާއެކު ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ސަރަޙައްދާ ހަމައަށް އޮތް ބައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.