ޚަބަރު

ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބަލަހައްޓާ ރޭންޖަރުން އިތުރުކުރަނީ


  • މިހާރު ހަރަކާތްތެރި ވަނީ ޖުމްލަ 11 ރޭންޖަރުން

  • ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭނެ ގޮތަށް ދަނީ މަސައްކަތްކުރަމުން

ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ރޭންޖަރުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން ދެގުނަ ކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރި ނަމަވެސް، އެ ތަންތަން ބެލެހެއްޓުމުގައި މިހާރު ހަރަކާތްތެރިވަނީ މަދު އަދަދެއްގެ ރޭންޖަރުންނެވެ. ރޭންޖަރުންގެ އަދަދު އިތުރުކޮށް، އެ ސަރަޙައްދުތައް އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހަރަކާތްތެރިވަނީ ޖުމްލަ 11 ރޭންޖަރުން ކަމަށެވެ. މީގެ ތެރޭގައި ބ. އަތޮޅު، ސަންޕާ ސަރަޙައްދު، ފަރުކޮޅު، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.

ވަޒީރު ވިދާޅުވީ، ރޭންޖަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކަމަށާއި، މިހާރުވެސް އައު ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ރޭންޖަރުން ތަމްރީނު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއަހަރު ނިމުމުގެ ކުރިން ރޭންޖަރުންގެ އަދަދު ދެގުނަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ހޯދަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭނެ ގޮތަށް ބަޖެޓު ހަމަޖައްސައި، ތަމްރީނު ދިނުމުގެ އިންތިޒާމުތައް ރޭވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިސާލަކަށް ލ. ހިތަދޫގައި މާބައިދޫގައިވެސް ބައެއް ރޭންޖަރުން މިހާރުވެސް ކުރިއަށްދޭ މިހާރު ތަމްރީނު ޕްރޮގްރާމްތަކެއް. ޖުމްލަ 11 ރޭންޖަރުން ހަރަކާތްތެރިވަމުންދޭ، ޓްރެއިނިން ބެޗެއްވެސް އެބަދޭ ކުރިއަށް." ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 90އަށް ވުރެ ގިނަ ސަރަޙައްދު އެބައޮތެވެ. އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގިނަ ރޭންޖަރުން ބޭނުންވާކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިންވެސް ވިދާޅުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ރޭންޖަރުން އުފެއްދުމަށް ޚާއްސަކޮށްގެން ބޭސިކް ރޭންޖަރސް ކޯހެއް ތައްޔާރުކޮށް ދަނީ ހިނގަމުންނެއެވެ.

ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި އެތަންތަނުން ނަފާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ފަތުރުވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބެން ފެށުމުން އެތަންތަނުން ނަފާލިބެން ފަށާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.