ތަރައްްޤީ

ނެއްލައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިއްޖެ


  • މަސައްކަތް ނިންމާ މިނިޒާމް ޓެސްޓްކޮށް ކޮމިޝަން ކޮށްފައިވޭ

  • ދެން ކުރިއަށް ދާނީ ރަސްމީކޮށް އޮޕަރޭޓަރާ ޙަވާލުކުރުން

ހދ. ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ނިންމާލައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތް ނިންމާ، މިދިޔަ އަންގާރަދުވަހު ވަނީ އެ ނިޒާމު ޓެސްޓްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތްވެސް ނިންމާލާފައެވެ. މި މަސައްކަތުގައި ބިނާރާ ބެހޭ ވުޒާރާގެ ސްޓާފުންގެ އިތުރުނ،ް މަޝްރޫޢުގެ ކޮންޓްރެކްޓަރާއ،ި ފެނަކަ ކޯޕަރޭޝަން އަދި ނެއްލައިދޫ ކައުންސިލުންވެސް އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

މި މަޝްރޫޢަކ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް، އޮފިޑުގެ ލޯނު އެހީއާއި، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެވެ.

މި މަޝްރޫޢު ގެ ދަށުން ނެއްލައިދޫގައި ވަނީ ފެން ޓެސްޓްކުރެވޭނެ އާލާތްތަކާއެކު ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ ޕްލާންޓް އިމާރާތެއް ވެސް ބިނާކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މި ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވެސް ވަނީ ހަރުކޮށްފައެވެ. އަދި ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައ،ި ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓާއ،ި ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ.

މީގެއިތުރުން، އެރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށް ޓަކައި 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި، 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއ،ި 2 ޕަންޕިންގ ސްޓޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާއ،ި ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދެން މި މަޝްރޫއުގެ ދަށުން ކުރިއަށްދާނީ މި ނިޒާމު ރަސްމީކޮށް އޮޕަރޭޓްކުރުމަށްޓަކައި އޮޕަރޭޓަރާ ޙަވާލުކުރުމުގެ މަސައްކަތްތަކެވެ.