ޚަބަރު

2027ގައި މަސް ރައްކާކުރަން 11،400 ޓަނުގެ ސްޓޯރޭޖް ޤާއިމުކުރަނީ


  • 550 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެ

  • ދަނޑުވެރިކަމުގެ ސިޔާސަތުގައި އިސްކަންދެނީ ކާނާގެ ރައްކާތެރިކަމަށް

މިއަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 11،400 ޓަނުގެ މަސް ރައްކާކުރާ ނިޒާމު ޤާއިމްކުރުމުގެ މަޝްރުޢޫތައް ކުރިއަށްދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެއެވެ. މިއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވާ ވަޒީރު ވަނީ، އެކި ދާއިރާތަކުން ދައުލަތުގެ ބަޖެޓު ހިމަނާފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

ދައުލަތުގެ 2027ވަނަ އަހަރުގެ ބަޖެޓު ބަޔާން އިއްވަވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރު ކުރުމުގައި މަސްވެރިކަމާއި، ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް ކަމަށެވެ. މި ދެސިނާޢަތުގައިވެސް މަސައްކަތްތަކެއް ކުރުމަށް މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ދަށުން މިއަންނަ އަހަރު މަސްފިނިކޮށް ރައްކާ ކުރާ ނިޒާމުތައް ތަރައްޤީކުރުމަށް އިސްކަންދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު އެގާރަހާސް ހަތަރުސަތޭކަ ޓަނުގެ ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާނެ. އަދި މެރިކަލްޗަރ ފުޅާކުރުމަށް ރޭވިފައިވާއިރު، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަ ކޮށްގެން ބަހައްޓާ އައިސްޕްލާންޓުތައްވެސް ހިމެނޭ" ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ އިތުރުން މިހާރު އެއްވުޒާރާއެއްގެ ދަށުން ބަލަހައްޓަމުންދާ ދަނޑުވެރިކަމުގެ ސިނާޢަތަށްވެސް ސަރުކާރުން އިސްކަންދީގެ މަސައްކަތް ކުރާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް، ބޭރުން އެތެރެކުރުން މަދުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިވެހި ދަނޑުވެރިންނަށް އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރު ކޮށްދެވޭނެ ގޮތަށް ސިޔާސަތު ބައްޓަން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަކީ، އަމާޒަކަށްވާއިރު ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަކީ، ސަރުކާރުން ކޮންމެހެންވެސް ކުރަން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ފަޅު ރަށް ރަށާއި، ފަޅުތަކާއި ގުޅޭ ޤާނޫނަށް މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށުމުން މި ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އޭގެ ފައިދާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ބަޔާނުގައިވެއެވެ.