ދައުލަތުގެ ބަޖެޓު ކޮންމެ އަހަރަކު ހުށަހަޅާއިރު އަބަދުވެސް ފާހަގަކުރާ އެއް ކަމަކީ ބަޖެޓަކީ ނަތީޖާ ނެރެވޭނެ ބަޖެޓަކަށް ހެދުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އަހަރުން އަހަރަށް ބަލާނަމަ ދައުލަތު ޚަރަދާއި އާމްދަނީވެސް އިތުރުވެގެން ދެއެވެ. ނަަމަވެސް ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލާއެކު ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. މިއަހަރު ދައުލަތުން ހުށަހެޅި ބަޖެޓުގައި މިކަމަށް ވަރަށް ބޮޑަށް ރިޢާޔަތް ކޮށްފައިވެއެވެ.
މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ މައިގަނޑު އަމާޒަކީ، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ތަންފީޒުކުރަންޖެހޭ ސިޔާސަތުތަކުގެ ބިންގާ އެޅުން ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަޔާން އިއްވަވަމުން ވިދާޅުވިއެވެ. މީގެ އިތުރުން މެކްރޯއިކޮނޮމިކް އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓާ، އާމްދަނީއާއި ޚަރަދު އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީވެސް މިއަންނަ އަހަރުގެ ބަޖެޓުގެ މުހިންމު އަމާޒެކެވެ.
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބަޖެޓުގެ އެންމެ މުހިންމު އަދަދުތަކުން ދައްކުވައިދެނީ އާމްދަނީއާއި ޚަރަދު މެނޭޖްކުރުމުގެ ހަރުދަނާ ސިޔާސަތެކެވެ. ދައުލަތުގެ އާމްދަނީ، ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އެއް އަމާޒެވެ. އަދި ލިބޭ އާމްދަނީއިން ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަކީވެސް އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން އަމާޒުހިފާފައިވާ ކަމެކެވެ.
އަންނަ އަހަރު ދައުލަތުގެ ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ، 52.6 ބިލިޔަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ޖުމްލަ 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. ބަޖެޓް ޑެފިސިޓް ނުވަތަ އާމްދަނީއާއި ޚަރަދުގެ ފަރަޤަކީ 9.4 ބިލިޔަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓު އަންނަ އަހަރަށް ތައްޔާރުކޮށްފައިވަނީ މިއަހަރު ހާސިލްކުރެވުނު ނަތީޖާތަކުގެ ބިންގަލުގެ މައްޗަށް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން މިއަހަރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ފާސްކުރެވުނު ބަޖެޓުގެ އިމުގެ ތެރެއިން ދައުލަތުގެ ޚަރަދުތައް މެނޭޖްކުރެވުމެވެ. އަދި މިއަހަރަކީ ބޮޑެތި ދަރަނިތައް ދައްކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ މާލީ އަދި އިޤްތިސާދީ ލޮޅުންތަކުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދެވުނު އަހަރެއް ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ މިއަހަރު ހިމެނޭހެން މެދު ރާސްތާގެ ފިސްކަލް ސިޔާސަތު ބައްޓަން ކުރަނީ ރާއްޖޭގެ އިޤްތިޞާދީ އޮއިވަރު ހިނގާގޮތާއި، ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން ޚަރަދުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ޤައުމީ ތަރައްޤީގެ މުހިންމު ބައިތަކަށްވެސް ބަޖެޓުގައި އިސްކަން ދީފައިވެއެވެ. ބަޖެޓުގެ ކެޕިޓަލް ޚަރަދުތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ޕީއެސްއައިޕީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިމަޝްރޫޢުތަކަށް އެކަނިވެސް 8.2 ބިލިޔަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ، މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުމަށެވެ.
ސަރުކާރުން ވިދާޅުވީ މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.