ޚަބަރު

ޔޫއޭއީ ރިއަލް އެސްޓޭޓް މާކެޓް؛ ރާއްޖެއަށް ވެސް ނެގޭނެ މިސާލެއް


  • މާކެޓް ހިނގަނީ ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއިން ހަރުދަނާ ޤަވާއިދުތަކެއް ހެދިގެން

  • މިމާކެޓު ފުޅާކުރުމަށް އަބޫދާބީގައި ރަށްތައްވެސް ދަނީ ތަރައްޤީކުރަމުން

ޤައުމެއްގެ ތަރައްޤީ ބިނާވަނީ އެ ޤައުމެއްގައި ހުރި ވަސީލަތްތައް ބޭނުން ކުރެވޭ މިންވަރަށާއި، އިންވެސްޓަރުންގެ އިތުބާރުގެ މައްޗަށް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޤައުމީ ތަރައްޤީގައި މިފަދަ ކުރިއެރުންތަކެއް ހޯދާފައިވާ އެއް ޤައުމަކީ އެކުވެރި އަރަބި އިމާރާތެވެ.

އެކުވެރި އަރަބި އިމާރާތާއި ގުޅޭ އެތައް ވާހަކައެއް ދެއްކި ދާނެއެވެ. ނަމަވެސް އެ ޤައުމުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭނެ އެއް ކަމަކީ އެޤައުމުގެ ކުރިއަރާފައިވާ ރިއަލް އެސްޓޭޓް މާކެޓެވެ. ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފައިދާ ބޮޑު ރިއަލް އެސްޓޭޓް މާކެޓެއް އޮތީ އެކުވެރި އަރަބި އިމާރާތުގައެވެ. އެ ޤައުމުގެ މިމަސައްކަތް ކުރާ ކުންފުނިތަކަކީ ބައިނަލްއަޤްވާމީ ގޮތުންވެސް މަޝްހޫރުކަން ހޯދާފައިވާ ކުންފުނިތަކެކެވެ.

އޭގެތެރެއިން އިމާރް ޕްރޮޕަޓީސް އަކީ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރުޖް ޚަލީފާ ހުންނަ ދުބާއީ ޑައުންޓައުން ސަރަހައްދާއި، ދުބާއީ މެރީނާ ސަރަހައްދުތައް ތަރައްޤީކޮށްފައިވަނީވެސް އެކުންފުނިންނެވެ. އަދި މިހާރު ތަރައްޤީވެ ފުޅާވަމުން އަންނަ ދުބާއީ ހިލްސް އެސްޓޭޓް އަދި ދުބާއީ ކްރީކް ހަބަރ ފަދަ މަޝްރޫޢުތަކުން އެކުންފުނިން ހޯދި ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. ދުބާއީ މަލަމަތިން ފެންނަ 22 އިންސައްތަ މީހުން ދިރިއުޅޭ ޔުނިޓްތަކަކީ އެކުންފުނީގެ މަސައްކަތްތަކެވެ.

އެ ޤައުމުގެ ރިއަލް އެސްޓޭޓް މާކެޓު ކުރިއަރާފައިވާ މިންވަރު ވަޒަން ކޮށްލެވޭނެ އެންމެ ފުރިހަމަ އެއް މިސާލަކަކީ، އެސްޓޭޓްގެ ޕްރޮޕަޓީތަކުގައި ދުބާއީ ހިލްސްގެ އަގު އުފުލިފައިވާ މިންވަރެވެ. ފުރަތަމަ ތަރައްޤީކުރި އިރު އެންމެ 3.5 މިލިޔަން ޔޫއޭއީ ދިރުހަމުގައި ހުރި ޕްރޮޕަޓީގެ އަގު، މިހާރު ވަނީ 15 މިލިޔަނުން މައްޗަށް އަރާފައެވެ.

އެކުވެރި އަރަބި އިމާރާތުގެ ރިއަލް އެސްޓޭޓް މާކެޓަށް ނަޒަރު ހިންގާލުމުން ފާހަގަކޮށްލެވޭ އެއްކަމަކީ އެ ޤައުމުގެ ގެތައް ގަތުމާއި ވިއްކުމުގެ ހަލުވި ބާޒާރެވެ. ދުބާއީގައި އަދި އަބޫދާބީގައިވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އަދި ތަރައްޤީކުރަމުން އަންނަ ރިއަލް އެސްޓޭޓް ސަރަހައްދުތަކުގައި މިކަން ކުރަނީ، ހަރުދަނާ ޤަވާއިދާ އުސޫލުތަކުގެ ތެރެއިންނެވެ. ޑިޖިޓަލައިޒްވެ ފަސޭހައިން ކުރިއަށްދެވޭ ނިޒާމެއްގެ ތެރެއިންނެވެ. އާންމުކޮށް މުޢަމާލާތެއް ފުރިހަމަ ކުރުމަށް 3 ހަފްތާ އަދި 5 ހަފްތާ ނަގާއިރު، އެހެން ޤައުމުތަކުގައި މިކަމަށް މިޔަށް ވުރެ ދިގު މުއްދަތެއް ނަގައެވެ.

މި މާކެޓު މިހާރު ފުޅާވަމުން އަންނަނީ ޔޫއޭއީގެ ދުބާއީގައި އެކަންޏެއް ނޫނެވެ. އަބޫދާބީގައިވެސް މި މާކެޓް ފުޅާވަމުން ދެއެވެ. ރާއްޖެއާއި އެއްގޮތް ސިފަތަކަކަށް ރަށްތަށް ދަނީ ތަރައްޤީކުރަމުންނެވެ. އާބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ތަރައްޤީކުރަމުންދާ ލޫލޫ އައިލެންޑް އަދި ރަމްހަން އައިލެންޑުންވެސް މިކަން ފެނިގެންދެއެވެ. އެންމެ ފުރަތަމަ މޮޑެލް ގެތަކެއް އަޅައި ރަށުގައި ސޭލްސް ސެންޓަރު ހުޅުވައެވެ. އެއަށް ފަހު ގެތައް ވިއްކުމުގެ މަރުހަލާތައް ފަށައެވެ. ގެތައް ވިއްކަމުން ފަންޑު ކުރަމުން މަޝްރޫޢު ބާރު ދުވެލީގައި ނިންމާލައެވެ.

މިމާކެޓުގައި ބިދޭސީން ޕްރޮޕަޓީތައް ގަތް ނަމަވެސް، އެފަރާތްތަކަށް ދާއިމީ ގޮތެއްގައި ވަޒަންވެރި ވުމުގެ ފުރުސަތު ނުލިބެއެވެ. އޭގެ ބަދަލުގައި ރެޒިޑެންސީ ވިސާއެއް ދަށުން އަހަރުތަކަކަށް ނުވަތަ ދުވަސްކޮޅަކަށް އެމީހުން އުޅެނީއެވެ. އަދި އެ ޕްރޮޕަޓީއަކުން ފައިދާ ހޯދުމަށް އަވަހަށް ވިއްކާލާނީއެވެ.

ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ބޭނުންވަނީ މިފަދަ ތަރައްޤީއާއި މިފަދަ މާކެޓެކެވެ. ރަސްމާލެ ތަރައްޤީކުރަނީ އެކުވެރި އަރަބި އިމާރާތުގައި މިކަމުގެ ތަޖުރިބާ ހޯދާފައިވާ ކުންފުނިންނެވެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާ އިޤްތިޞާދެއްގެ ބަދަލުގައި އާމްދަނީ ލިބޭނެ އިތުރު އިންވެސްޓްމެންޓްތައް މެދުވެރިކޮށް އެކަން މަގުފަހިކުރަން ޖެހެއެވެ. ނަމަވެސް މިކަން ކުރަންވާނީ ވަކި ޤައުމެއްގެ މޮޑަލްއަކަށް އެކަންޏެއް ނޫނެވެ. ދިވެހިންގެ ދިވެހި ވަންތަކަމާއި ޤަބޫލުކުރާ ހަމަތައް ދަމަހައްޓާ ގޮތެއްގެ މަތީންނެވެ.