ޤައުމީ އެސެސަރުން ހިފަހައްޓާ މިންގަނޑުގެ މައްޗަށް ސިނާޢަތުގެ މުސްތަޤުބަލު ބިނާވެގެންދާކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަހީމް ހަސަން މިހެން ވިދާޅުވެފައިވަނީ ޤައުމީ އެސެސަރުންގެ ތަމްރީން ޕްރޮގްރާމު ނިމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމީ އެސެސަރުންގެ ތަމްރީން ޕްރޮގްރާމަކީ ނޭޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްއަށް ހިންގާ މަސައްކަތްތެރިކަމުގެ އެކި ކޯސްތަކުގެ އިމްތިޚާނު ކުރާ ފަރާތްތައް ތަމްރީނުކުރުމަށް ބާއްވާ ކޯހެކެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ، (އެމްއެންއެސްޑީއޭ) ފަރާތުން ހިންގާ މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގެ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ ތަޖުރިބާކާރުންނަށް، ފެންވަރު ހިފެހެއްޓިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުންގެ ގާބިލްކަން ވަޒަންކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.
މިމަހުގެ 28 އިން 29 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަހީމް ހަސަން ވަނީ އެސެސަރުން މުޖްތަމަޢުގައި އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް އެފަރާތްތަކަކީ ޤައުމީ މަސައްކަތެއް ކުރާ ބައެއްކަން ފާޙހަކުރެއްވިއެވެ. ޑރ. އަބްދުއްރަހީމް ވިދާޅުވީ އެސެސަރުން އިންސާފު ހިފަހައްޓަން ޖެހޭ ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ.
އެގޮތުން އެފަރާތްތަކުން ނިންމާ ނިންމުމެއްގެ ސަބަބުން ސިނާޢަތެއް ރާއްޖޭގައި ދެމެއިތޮތުމަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރިތަކަށްވެސް ގޮންޖެހުންތަކާއި ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ، ޒިންމާ އަދާކުރެއްވުމުގައި މިކަންކަމަށް ސަމާލުވުމަށް އެދިލެއްވިއެވެ.
އެމްއެންއެސްޑީއޭ ސީއީއޯ ޑރ. ޒަހުރާ މުޙައްމަދު ވިދާޅުވީ، އެސެސަރުންގެ މަސައްކަތަކީ ހަމައެކަނި ފަންނީ ގޮތުން މަސައްކަތް ކުރަން އެނގޭތޯ ބެލުން ނޫން ކަމަށާއި، އެމަސައްކަތެއް ކުރުމަށް އެފަރާތް ޤާބިލްތޯ ކަނޑައެޅުން ކަމަށެވެ. ޑރ. ޒަހުރާވެސް ވަނީ އެސެސަރުންގެ އިންސާފުވެރިވުމަށާއި އެއް މިންގަނޑެއްގެ ތެރެއިން ދަރިވަރުންގެ މަސައްކަތް މިން ކުރުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. އެގޮތަށް އެކަން ނުކުރެވޭނަމަ އެކި އިންޑަސްޓްރީތަކަށް މިކަމުގެ ދަތިތައް ކުރިމަތިވާނެކަން ޑރ. ޒަހުރާވެސް ފާހަގަކުރެއްވިއެވެ.
ނޭޝަނަލް އެސެސަރ ތަމްރީން ޕްރޮގްރާމު ނިންމި ބައިވެރިން ވަނީ މި ޕްރޮގްރާމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ދަރިވަރުންގެ މަސައްކަތް މިންކުރުމުގައި ބަލަންޖެހޭ ކަންކަން ދަސްވި ކަމަށާއި، އެސެސް ކުރުމުގައި ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދެވޭނެ ގޮތްތަށްވެސް ދަސްކޮށްދެވިގެން ދިޔަކަން ބައިވެރިން ފާޙަގަކޮށްފައިވެއެވެ.
މިއަހަރު މިހާތަނަށް ގިނަ ޤައުމީ އެސެސަރުންނަށް ހުއްދަ ދެވިފައިވާއިރު އެފަރާތްތަކަކީ ދައުލަތް ބަލައިގަންނަ ފަރާތެއްކަން އަންގައިދޭ ރަސްމީ ކާޑެއް މިހާރުވަނީ ތައާރަފްކޮށްފައެވެ. އެކާޑުން އެސަސަރާއި ބެހޭ މަޢުލޫމާތު އެސެސްކުރާ ފަރާތަށް އެނގޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.