ޚަބަރު

އިންވެސްޓްމެންޓާއި ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގައި ކުރިއެރުން ހޯދާފައިވޭ: ވަޒީރު ސަޢީދު


  • ސަރުކާރުން މިހާތަނަށް 1.9 ބިލިޔަން ޑޮލަރު ދޫކޮށްފައިވޭ

  • 3 އަހަރުން 313 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު

ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމެންޓާއި، ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގައި ކުރިއެރުން ލިބިފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސައްލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވަޒީރު ސަޢީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައިދޫކޮށްފައިވާ ޑޮލަރަށްވުރެ %80 އިތުރަށް މި ސަރުކާރުން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. ނިމުނު ސަރުކާރުގެ ފަހު ތިން އަހަރު ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިޔަން ޑޮލަރުކަމަށާ، މި ސަރުކާރުން މިހާތަނަށް 1.9 ބިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

2024 ވަނަ އަހަރު އެކަނިވެސް 483.53 މިލިޔަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާކަމަށާ، 2025 ވަނަ އަހަރު 733.82 މިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރު މިހާތަނަށް 718.53 މިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާއިރު އެއީ %80ގެ އިތުރުވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިދިޔަ 4 ދައުރު ތެރޭގައި ރަޖިސްޓްރީކުރެވުނު ފޮރިން އިންވެސްޓްމެންޓްތަކުގެ އަދަދަށް ބައްލަވާލައްވާފައެވެ. އެ އަދަދުތައް އަޅާކިޔުއްވުމަށް ފަހު ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ހޭދަވީ މުއްދަތުގައި 313 އިންވެސްޓްމެންޓް ހޯދުމަކީ ރެކޯޑެއް ކަމަށެވެ.

"2013-2008 އަށް 212 އިންވެސްޓްމެންޓް، 2018-2013 އަށް 406 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު. 2022-2018 އަށް 245 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު އިރު މި
ތިން އަހަރު ތެރޭ 313 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް އަންނަ މުދާ ކްލިއާ ކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވުމުންކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ހަމައެކަނި ސަރުކާރަކީ މިއީކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއަކީ، މައުލޫމާތު ހާމަކުރުމުގައި ނަމޫނާ ވުޒާރާއެއް ކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 192 އާރްޓީއަަށް ޖަވާބުދެއްވުމުގެ އިތުރުން 184 ފަހަރު މީޑިއާއާ ބައްދަލުކުރައްވާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.