ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ވަޒީރު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހެވެ. ވަޒީރުގެ އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވި އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސައްލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވަނީ އެމްޑީޕީގެ މެމްބަރުންގެ ތުހުމަތުތަކަށް ދެކޮޅުހައްދަވާފައެވެ.
މިއަދުގެ ޖަލްސާގައި ވަޒީރު ސަޢީދު ވިދާޅުވީ ނިމުނު ސަރުކާރުގެ ފަހު ތިން އަހަރު ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިޔަން ޑޮލަރުކަމަށާ، މި ސަރުކާރުން މިހާތަނަށް 1.9 ބިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވަނީ މިދިޔަ 4 ދައުރު ތެރޭގައި ރަޖިސްޓްރީކުރެވުނު ފޮރިން އިންވެސްޓްމެންޓްތަކުގެ އަދަދަށް ބައްލަވާލައްވާފައެވެ. އެ އަދަދުތައް އަޅާކިޔުއްވުމަށް ފަހު ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ހޭދަވީ މުއްދަތުގައި 313 އިންވެސްޓްމެންޓް ހޯދުމަކީ ރެކޯޑެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއަކީ، މައުލޫމާތު ހާމަކުރުމުގައި ނަމޫނާ ވުޒާރާއެއް ކަމަށެވެ.