ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިންގެ މުސާރައަށް ގެންނަ ބަދަލުތައް ކުރިއަށް އޮތް ޑިސެންބަރު މަހުން ފެށިގެން ތަންފީޒުކުރުމަށް އެ ގައުމުގެ ވޭޖް ބޯޑުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އައިސްފައި ވަނީ މުސާރަ ބޮޑުކުރުމަށް އެދި ކުރަމުންދާ އިހުތިޖާޖުތަކަށް ފަސް ދުވަސްވެ، އުފެއްދުންތެރިކަމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައެވެ. މަސައްކަތްތެރިންނާއި ކާރުހާނާތަކުގެ ވެރިން ހިމެނޭ ހަ މެންބަރުންގެ މި ބޯޑުގެ މަންދޫބު ބާބުލް އަޚްތަރު ވިދާޅުވީ، އައު އޮނިގަނޑުގެ ދަށުން ފުރަތަމަ މުސާރަ ލިބޭނީ އަންނަ ޖަނަވަރީ މަހުގައި ކަމަށެވެ.
މަހަކު 12،500 ތާކާ ލިބޭ އެންމެ ކުޑަ އުޖޫރަ 30،000 ތާކާ ނުވަތަ ގާތްގަނޑަކަށް 242 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް މަސައްކަތްތެރިން ދަނީ ގޮވައިލަމުންނެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލިފައިވާތީ "ކޮންމެ މަހަކީ ވެސް ބޮޑު ތަކުލީފެއް" ކަމުގައި މަސައްކަތްތެރިއެއް ކަމަށްވާ ބީތީ ބޭގަމް ބުންޏެވެ. ވެރިރަށް ދާކާގެ ރަށްބޭރުގައިވާ ސާވަރު އަދި ގާޖީޕޫރުގައި މަސައްކަތްތެރިންނާއި ފުލުހުންނާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. މަގުތައް ބަންދުކުރުމުން ފުލުހުން ކަރުނަގޭހާއި 'ސްޓަން ގްރިނޭޑް' ނުވަތަ އަޑުގަދަ ބޮން ބޭނުންކޮށްފައިވާއިރު، ގިނަ ކާރުހާނާތަކެއްގެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނައުނު ބޭރުކުރާ ބަންގްލަދޭޝްގައި ހަތަރު މިލިޔަން މީހުން މި ދާއިރާގައި މަސައްކަތް ކުރެއެވެ. މިއީ، އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ %80 އަށްވުރެ ބޮޑު ބައެކެވެ. ބަހާރު މޫސުމާއި ހޫނު މޫސުމުގެ މުހިންމު އޯޑަރުތައް ތައްޔާރުކުރާ ދަނޑިވަޅުގައި ކާރުހާނާތައް ހުއްޓުމަކަށް އައުމުން، އެޗްއެންޑްއެމްއާއި ޒާރާ އަދި ވޯލްމާޓް ފަދަ ބައިނަލްއަގުވާމީ ވިޔަފާރިތަކަށް މުދާ ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިގުތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ކާރުހާނާތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްފިނަމަ، ވާދަވެރިކަން ނުގެއްލި މުސާރަ ބޮޑުކުރުމުގެ ގާބިލުކަން ގައުމަށް ލިބިގެންދާނެއެވެ. ދާކާ ޔުނިވަރސިޓީގެ ޕްރޮފެސަރ ސަލީމް ރައިހާން ވިދާޅުވީ، އަގުހެޔޮ މަސައްކަތްތެރިންނަށް ދާއިމީގޮތެއްގައި ބަރޯސާވުމަކީ ހެދޭނެ ގޯހެއް ކަމަށާއި، އިތުބާރާއި ފެންވަރު ރަނގަޅު އުފެއްދުންތަކަށް ބަދަލުވާންޖެހޭ ކަމުގައެވެ. އަދި، ދިގުލައިގެންދާ ހަމަނުޖެހުންތަކަކީ ވިޔަފާރީގެ އިތުބާރު ގެއްލުވާލާނެ ކަމެއް ކަމުގައި ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.