ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރާ ވާހަކަ ދައްކާތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް އެ ވާހަކަތައް މިއަދާ ހަމައަށް އޮތީ، ހަގީގަތަކަށް ނުވެ ހަމައެކަނި ވާހަކަތަކެއްގެ ގޮތުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކި ސަރުކާރުތަކުގައި މިކަން ހަގީގަތަކަށް ހަދަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަކީ، ރާއްޖޭގެ އިގުތިސާދުގެ މައިނާރެވެ. މި ދާއިރާއިން މަންފާ ހޯދުމަށް އެކި ގޮތްގޮތުން ސަރުކާރުތަކުން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް ޑޮލަރުގެ އާމްދަނީ ހޯދުމުގެ ބޭނުމުގައި ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަޝްރޫޢު ހަގީގަތަކަށް ހެދުމުގެ މަސައްކަތް މީގެ 20 އަހަރު ކުރިން 2006ވަނަ އަހަރު ފެށުނެވެ.
މި މަސައްކަތުގެ ދަށުން އެސްޓީއޯއަށް ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ސޮއިކުރީ، 2007ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އެއަށްފަހު 2008 ވަނަ އަހަރު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކަރލްސަން ހޮޓެލް ގްރޫޕާއެކު ސިޓީ ހޮޓާ، "ރެޑިސަން" ބްރޭންޑުގެ ދަށުން ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
އޭރު ނިންމާފައި އޮތީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 250 ކޮޓަރީގެ ފަސްތަރީގެ ހޮޓަލެއް ތަރައްގީ ކުރުމަށެވެ. އަދި އެ މަސައްކަތް 2013ވަނަ އަހަރަށް ނިމޭނެ ކަމަށް ލަފާކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ހޮޓަލުގެ އަމަލީ މަސައްކަތްތައް ފެށުނީ، 2012 ވަނަ އަހަރުއެވެ. އަމަލީ މަސައްކަތް ފެށުމަށް ލަސްތަކެއް ކުރިމަތިވީ އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެންނެވެ. މި މަސައްކަތް ފެށީ، ސިޓީ ހޮޓާ ތަރައްޤީ ކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން 10 މިލިޔަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
އަމަލީ މަސައްކަތް ފެށިތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ހޮޓަލުގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް އައެވެ. 2014ވަނަ އަހަރު މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށް އޭރު އޮތް ސަރުކާރުން އެންގެވިއިރު އެސްޓީއޯއިން ވަނީ، 115 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއަށްފަހު މި މަޝްރޫއުގެ މަސައްކަތް އެއްވެސްވަރަކަށް ކުރިއަށް ނުގޮސް އެސްޓީއޯގެ ހިއްސާދާރުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން އައެވެ.
މި ނުތަނަވަސްކަމާއެކު އެތަން ވިއްކާލުމަށް ނުވަތަ އަލުން އެ މަޝްރޫއު އެހެން ގޮތަކަށް ކުރިއަށް ގެންދިއުމަށް 10 އަހަރުފަހުން 2016ވަނަ އަހަރު ނިންމިއެވެ. ނަމަވެސް އެކަންވެސް މިދިޔަ އަހަރާ ހަމައަށް އޮތީ، ނާކާމިޔާބުވެފައެވެ. އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށް، އިމާރާތުގެ ބޮޑުބައެއް ނިމިފައި ހުރި ސިޓީ ހޮޓަލުގެ އިމާރާތް ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.
2020ވަނަ އަހަރުވެސް މި ހޮޓަލުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އޭރު އެސްޓީއޯގެ މެނޭޖްމަންޓުން އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް އެ މަސައްކަތްވެސް މިއަދާ ހަމައަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެފަހުން އެޗްޑީސީން ނިންމެވީ، ސިޓީ ހޮޓާ ބޭރުގެ ބަޔަކަށް ކުއްޔަށް ދީ، އެތަނަށް އެސްޓީއޯއިން ކުރި ޚަރަދުގެ ބަދަލު ދިނުމަށެވެ. އެގޮތުން އެޗްޑީސީން ވަނީ، އެ ކުންފުންޏަށް ހުޅުމާލެއިން ދެ ބިން ދީފައެވެ.
އެޗްޑީސީގެ މި ނިންމުމަކީ ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚަރަދުކޮށް، އެތައް އަހަރެއް ވަންދެން މި މަޝްރޫއުން އެއްވެސް ފައިދާއެއް ދައުލަތަށްނުވެ އޮތުމުގެ ކަންބޮޑުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. އެމަނިކުފާނު ބޭނުންފުޅުވީ، ވީހާވެސް އަވަހަށް މި މަޝްރޫއު އެއްކޮށް ނިންމައި، އޭގެފައިދާ ދައުލަތަށްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެޗްޑީސީން ސިޓީ ހޮޓަލުގެ އިމާރާތް، "މަންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ތަރައްޤީކޮށް އެތަނުގެ ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރުމުގައި ސަރުކާރުގެ ޝަރުތުތަކެއްވެސް ހިމެނުއްވިއެވެ. އެއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ބައެއް ވަޢުދުތައް ފުއްދެވުމަށް ބޭނުންވާ ޖާގަ އެ އިމާރާތުން ހަމަޖައްސައި، އެތަންތަންވެސް ތަރައްގީ ކުރުމެވެ. ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު 20 އަހަރުފަހުން ހުޅުމާލޭގައި ދައުލަތަށް ފައިދާވާނެހެން ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ހުވަފެން މިވަނީ، ހަގީގަތަކަށްވުމާ ގާތްވެފައެވެ. އެ އިމާރާތުގެ މަސައްކަތް ނިންމައި އަންނަ ހޮނިހިރު ދުވަހު ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އެ ހޮޓަލުގައި 162 ކޮޓަރި ތަރައްގީކޮށްފައިވެއެވެ. އަދި ހަފްލާތަކާއި، ކޮންފަރެންސްތައް ބޭއްވުމަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހޯލުތަކާއި ކޮޓަރިތައް ތަރައްގީކޮށްފައިވާއިރު، މި ހޮޓަލުގައި 4 ރެސްޓޯރެންޓުވެސް ހުންނާނެއެވެ.
20 އަހަރު ވަންދެން ނުނިމުނު މި މަޝްރޫޢު ހަގީގަތަކަށް ހެދުމަށް އަދުގެ ސަރުކާރަށް ނެގީ، އަހަރެއްހާ ދުވަހެވެ. މިހާތަނަށް މި މަޝްރޫއުގެ މަސައްކަތް ނުނިމި ދައުލަތާއި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން 5 ބޭފުޅުން ވަނީ، ޤައުމުގެ ވެރިކަން ކުރައްވާފައެވެ. މިހާތަނަށް ދައުލަތުގެ އެހާބޮޑު ރައުސުލްމާލެއް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ވީރާނާވާން ދޫކޮށްލާފައި އޮތުމަކީ، އެއިން ކޮންމެ ސަރުކާރަކުންވެސް ޒިންމާވާން ޖެހޭނެ ކަމެކެވެ.