ޚަބަރު

ޤައުމުގެ މިނިވަންކަމަށް، ދަރަނިން ސަލާމަތްވުން މުހިންމު


  • އުފާވެރި ދިރިއުޅުމެއް، ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން

  • ދަރަނީގެ އަޅުވެތިކަމުން، ދިވެހި ޤައުމު މިނިވަންކުރަންޖެހޭ

ކޮންމެ ޤައުމަކީވެސް މިނިވަންކަން ބޭނުންވާ ޤައުމެކެވެ. އެ ޤައުމެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ކޮންމެ ޤައުމަކަށްވެސް ބޭނުންވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއަށް ބަލާއިރު ލިޔެކިޔުންތަކުން މިނިވަންކަމަށް ކަނޑަައަޅާފައިވާ ބައެއް ޤައުމުތަކަށްވެސް އެ ޤައުމުގެ އަމިއްލަ ކަންކަން ނިންމުމުގެ ބާރު ނެތެވެ. އެއީ އެ ޤައުމުތަކުގެ މާލީ ހާލަތާއެކު ޤައުމުގެ މިނިވަންކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ޤައުމުގެ މިނިވަންކަމާއި އިގްތިސާދީ މިނިވަންކަމަކީ ގުޅިފައިވާ ދޭއްޗެކެވެ. އިގްތިސާދީ މިނިވަންކަން ޤައުމުގައި ކަށަވަރުނުކުރެވި ޤައުމަށް ފުރިހަމަ މިނިވަންކަން ނުލިބޭނެއެވެ. މިކަން ނަސްރުގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވިގޮތަށް ޤައުމެއް ކަމުގައިވިޔަސް އަދި ޖަމާޢަތެއް، ޢާއިލާއެއް ނުވަތަ އެކަނި ހުންނަ ވަކި ފަރުދެއް ކަމުގައިވިޔަސް، އެ މީހަކަށް މިނިވަންކަމާއެކު ބަސްބުނެ، އެހެން މީހުންގެ ނުފޫޒުން ސަލާމަތްވެ، ހިތްހަމަޖެހުމާއެކު އޭނާގެ ވުޖޫދު ސާބިތުކޮށްދެވެނީ، އޭނާގެ އަތުގައި ފުދުންތެރިކަން އޮވެގެންނެވެ. މިއީ ދުނިޔޭގެ ހަގީގަތެވެ. އެ ފުދުންތެރިކަން ނެތް މީހާ ހުންނަންޖެހޭނީ، ދަރަނިދޭ މީހަކަށް ކިޔަމަންވެގެންނެވެ. އެ މީހާއާ ދެކޮޅަށް އެއްޗެއް ބުނުމަށް ފަސްޖެހޭނެއެވެ.

މިއަދު ބައިނަލްއަގުވާމީ މުޖުތަމަޢުގައިވެސް ފެންނަނީ މި މަންޒަރެވެ. ބައެއް ޤައުމުތަކުން މާލީގޮތުން ބޮޑު އެހީތައް ދޭ ޤައުމުތަކަށް އެ އެހީދޭ ޤައުމާ ދެކޮޅަށް ތެދުނުވެވެއެވެ. އަމިއްލަ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވެސް އެ މަދަދުގާރު ވައްދަންޖެހެއެވެ. އަމިއްލަ ޤައުމުގެ ކަންކަން ނިންމަންޖެހެނީ އެހީދޭ ޤައުމަށް ވިސްނައިގެންނެވެ. އެހެންނަމަވެސް އެހީދޭ، މާލީގޮތުން ފުދުންތެރި ޤައުމަށް އެފަދަ ކަންކަމާމެދު ވިސްނަން ނުޖެހެއެވެ. އެ ޤައުމުގެ ދާޚިލީ ކަންކަން ނިންމުމަށާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ޤައުމުގެ ކަންކަން ބައްޓަންކުރުމުގެ ފުރިހަމަ މިނިވަންކަން އެ ޤައުމަށް ވަނީ ލިބިފައެވެ.

އެހެންކަމުން، ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް، ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުމުންނެވެ. ސަރުކާރުން މަސައްކަތް ފައްޓަވާފައިވަނީ މި މިނިވަންކަން ޤައުމުގައި ކަށަވަރުކުރުމަށެވެ.

"މިނިވަންކަން ދިފާޢުކުރާ ސަބަބެއް އޮވޭ. އެކަމުގައި މާނައެއް އޮވޭ. އެއީ، އެ ޤައުމެއްގެ އިސްތިޤްލާލު ސަލާމަތްކުރުން. ފިކުރީގޮތުން ކަމުގައިވިޔަސް، އަދި މާލީގޮތުން ކަމުގައިވިޔަސް، އެ ޤައުމެއްގައި އޮންނާންޖެހޭ އަމިއްލަ ޤާބިލުކަން ހަރުދަނާކުރުން. އަމިއްލަ ޤައުމީ ޝަޚްޞިއްޔަތު ސާބިތުކުރުން. އޭގެ ބޭނުމަކީ، ރައްޔިތުންނަށް ހަމަޖެހުމާއި، ރައްކާތެރިކަން ކަށަވަރުކުރުން. ފުދުންތެރި، ބާއްޖަވެރި، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ޙައްގުގައި ޝަހީދުވި ބޭފުޅުން ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް، ދިވެހި ޤައުމު މިނިވަންކުރަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ތަޢައްޞުބާއި، ފިތުނަ ފަސާދައަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންނެވެ.

ދަރަނިން ޤައުމު ސަލާމަތްކުރެވުމުގެ ނަތީޖާއަކަށްވާނީ ރައްޔިތުން އެދޭ ތަރައްޤީއަށް ދައުލަތުގައި ފުދުންތެރިކަން ޤާއިމުވެ، ބޭރު ދުނިޔެއާ މުޢާމަލާތްކުރުމުގައި، ދިވެހި ދައުލަތުގެ އިޤްތިޞާދީ މައިކަށި ހަރުދަނާވެގެންދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަރުދީ ތަރައްޤީއާއި، ޤައުމީ ތަރައްޤީގެ މައިދާނުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް، ދިވެހިރާއްޖެ ހަލުއިކަމާއެކު އަރައިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމަށް މާލީ މިނިވަންކަން ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގައި ރާއްޖޭގެ ސައްތައިންސައްތަ އިސްލާމްވަންތަކަމާއި ދިވެހީންގެ ފުރިހަމަ މިނިވަންކަމާއި، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ، ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ދިވެހި ޤައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި، އާރޯކަމާއި، ޙިމާޔަތާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތްތަކާއެކު ދިވެހި ރައްޔިތުންނަށް މާނަވި ތަރައްޤީ ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.