ޚަބަރު

"ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން"


  • ޚުޠުބާގެ މައުޟޫއަކީ "ޞިއްޙަތަށް ފަރުވާތެރިވުން"

ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޞިއްޙަތަށް ފަރުވާތެރިވުން" އެވެ.

ޚުޠުބާގައި ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގައި ހުންނަ ކަމަށެވެ. އެކަމުގެ އަގު ވަޒަންކުރެވެނީ، އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. ޝުކުރުވެރިވުމަކީ، އަބަދުމެ މާތް ﷲ ހަނދުމަކޮށް، ކިޔަމަންތެރިކަމުގައި ދެމިތިބުން ކަމަށް ވިދާޅުވިއެވެ.

އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެކެވެ. ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ޚުޠުބާގައި ވިދާޅުވީ މާތް ﷲ ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު، އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރެއްވި ކަމަށެވެ. ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެއެވެ. ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަކަށް ލިބިގެންނެއް ނުވެއެވެ. އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫން ކަމަށާއި މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"މިއަދު ފުރިހަމަ ސިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި، ފަރުވާކުޑަކޮށްލެވެނީ ކިތައްކިތައް މީހުންނަށްހެއްޔެވެ؟ މާދަމާ މާތް ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު، އެކަލާނގެ އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ހަށިގަނޑުގައި ލެއްވި ބާރުގެ ބޭނުންކުރި ގޮތާ މެދު ދޭނީ ކޮންޖަވާބެއްހެއްޔެވެ؟ މާތް ﷲ ދެއްވައިފައިވާ ޞިއްޙަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އަދި މި މަތިވެރި ނިޢުމަތް ބީވެދިޔުމުގެ ކުރީން އެ ކަމަށް ޝުކުރުވެރިވުމުގެ ހެޔޮ ނަޞީބުދެއްވާނދޭވެ!" ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫން ކަމަށެވެ. އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެކެވެ. ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލާން ދިޔުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ވިދާޅުވިއެވެ.