ޚަބަރު

ކަރަންޓީނުގައި ތިބޭ ދަރިވަރުންނަށް އިމްތިޙާނު ހަދަން ޚާއްސަ ހޯލުތަކެއް


ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން، އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އިމްތިޙާނު ހެދުމަށް ޚާއްސަ ތަންތަން ހަމަޖައްސާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ، އަންނަ މަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކުދިންނާއި ކަރަންޓީނުވާ ދަރިވަރުންނަށްވެސް ޚާއްސަ ހޯލްތަކެއް ހަމަޖައްސާފައި ވާކަމަށެވެ.

މިގޮތުން މާލެ އާއި އަތޮޅުތަކުގެ ސެންޓަރުތަކުގައި ވަކި ތަނެއް ކަނޑައަޅައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އިޙުސާނު ވިދާޅުވިއެވެ. މިގޮތުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ގުޅިގެން ގައިޑްލައިންތަކާއި އެސް.އޯ.ޕީތައް މިހާރު އެކުލަވާލާފައިވާކަން އިޙުސާން ފާހަގަކުރެއްވިއެވެ.

"އިމްތިޙާނު ކުރިއަށް ދާގޮތް އެހެންފަހަރުތަކެކޭ އެއްގޮތް ވާނެ. އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން ހޯލުގައި ހަރަކާތްތެރިވާ އޮފިސަރުން ކަރުދާސްތައް ދަރިވަރުންގެ އަތުން ނަގާނީ އަންގި ލައްވައިގެން. އަދި އޮފިސަރުންވެސް ތިބެނީ މާސްކް އަޅައިގެން."ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިޙްސާން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ދަރިވަރުން އިމްތިހާނު ހޯލަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އާއި އެ މިނިސްޓްރީ ގުޅިގެން ކުރަން ނިންމާފައެވެ.

މިއަހަރުގެ އޮކްޓޫބަރ/ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި މުޅި ރާއްޖެއިން 1528 ކެންޑިޑޭޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 33 ސެންޓަރަކުން 460 ދަރިވަރުން ބައިވެރިވާއިރު މާލޭގެ 4 ސެންޓަރަކުން 1068 ކެންޑިޑޭޓުން ބައިވެރިވާކަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

123

ރާއްޖޭގައި ޢީލްމު އުނގެނި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންވެސް އެހާމެ ގިނަވެއްޖެ. ނަމަވެސް ހިތާމައަކީ ނިންމާލާ ކޯހުގެ ފެންވަރު ދަރިވަރުންގެ ކިބައިގައި ނެތްކަން. ޤަބޫލުކުރިއަސް ނުކުރިއަސް ޙަޤީޤަތަކީ މީ. ގިނަފަހަރަށް ފިލާވަޅުތައް ހަދައިދެނީ ބެލެނިވެރިން. ޕްރެޒެންޓޭޝަނާއި އެސައިންމެންޓް މި ހަދަނީ މީހަކަށް ފައިސާދީގެން އެމީހާ ލައްވާ. މިވަރުން ނިންމާލާ ކޯސްތަކުން ދަރިވަރުންނަށް ކުރާނީ ކޮންފައިދާއެއްތޯ ސަރުކާރުންވެސް އެބަ ބަލަންޖެހޭ.