އައްޑޫސިޓީއަކީ މުސްތަޤްބަލްގައި ފަތުރުވެރިކަމުގެ މަޤްބޫލް މަންޒިލަކަށް ވާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީ ފަތުރުވެރިކަމުގެ މަޤްބޫލް ސަރަޙައްދަކަށް ހެއްދެވުމުގެ މަސައްކަތް ފުރިހަމަގޮތުގައި ކުރެވޭނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް މިހާރު ކުރިޔަށް ގެންދަވާ މަޝްރޫޢު މުޅިން ނިމި، ހިންގަން ފެށުމުން ކަމަށެވެ.އައްޑޫސިޓީގައި ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ ޢަދަދު އިތުރު ކުރެއްވުމަށް މިހާރުން މިހާރަށްވެސް ކުރެއްވެން ހުރި މަސައްކަތްތަކާއި އަދި ކުރިޔަށް ރާއްވަވާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދެވުމާ ބެހޭގޮތުން، ފަތުރުވެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ އެސިޓީގެ ރައްޔިތުންނަށް އުފާވެރި އެތައް ޚަބަރެއް ދެއްވާފައެވެ.ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގައި މިހާރު ހުރި 1800 އެނދުގެ އިތުރުން، އިތުރު 4000 އެނދު ޤާއިމް ކުރެއްވުން ކަމަށެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއާޕޯޓްގައި 300 އެނދުގެ ސިޓީ ހޮޓަލެއް ޤާއިމް ކުރެއްވުމާއި ހުޅުމީދޫގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އިސްމެހެލަހެރެ ތަރައްޤީކުރެއްވުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށްޓެވުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި އިސްމެހެލަހެރަ ތަރައްޤީ ކުރެއްވުމަށް ކުރިޔަށް އޮތް ހަފްތާތެރޭގައި ބަޔަކާ ޙަވަލުކުރައްވާނެ ކަމަށްވެސް ޓޫރިޒަމް މިނިސޓަރ ވިދާޅުވިއެވެ. އެތަން ތަރައްޤީކުރެއްވުމަށް ބަޔަކާ ޙަވާލުކުރެއްވުމަށް ބާއްވަވާ ސޮއިކުރެއްވުމުގެ ރަސްމިއްޔާތުވެސް ކައިރި މުސްތަޤްބަލެއްގައި އައްޑޫ ސިޓީގައި ބޭއްވެވުމަށް ޓޫރިޒަމް މިނިސްޓްރީންވަނީ ނިންމަވާފައެވެ.ވަޒީރު ވިދާޅުވީ އުއްމީދަކީ 36 މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިމި އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދިއުންކަމަށެވެ.މީގެ އިތުރުންވެސް ހުޅުމީދޫގައި ސިޓީހޮޓަލެއް ޤާއިމް ކުރެއްވުމަށް އެންމެ އެކަށޭނަ ސަރަޙައްދާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށްތަކުގެ ކައިރީގައިވާ ފަޅު ރަށްރަށަށް ޒިޔާރަތްކުރައްވައި، އެތަންތަން ތަރައްޤީ ކުރެވޭނެ ގޮތްތައް މިނިސްޓަރ ބައްލަވާލެއްވިއެވެ. އަދި ހުޅުދޫގައި ޤާއިމްކުރާ މަސްފެކްޓްރީގެ މަސައްކަތް ކުރިޔަށްދާގޮތާއި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ބައްލަވާލެއްވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ މިހުރިހާ މަޝްރޫތަކެއްވެސް ގުޅިފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާކަމަށެވެ.އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ ޕްރޮޖެކްޓާ ގުޅޭގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ އެއަރޕޯޓް ރަންވޭއާއި އެނޫންވެސް މަސައްކަތްތައް ނިމި، އަންނަ މާރޗްމަހު އޮޕަރޭޝަން ފެށޭވަރުވާނޭކަމަށެވެ. އަދި މި ޑިސެމްބަރު މަހުގެ ބާވީސްވަނަ ދުވަހު ޑެންމާކުން ގަމަށް ޑައިރެކްޓް ފްލައިޓެއް އައުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.އައްޑޫސިޓީގެ އެއަރޕޯޓާއި އިސްމެހެލަހެރަ ފަދަ ތަންތަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދާ ދާއިރާގެ މެމްބަރު ޝާހިދު މުޙައްމަދާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީކ ހިމެނިވަޑައިގަންނަވާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި މިދެބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.އައްޑޫ ސިޓީގައި މިހާރު ހުރި އަށާރަސަތޭކަ އެނދުގެ އިތުރުން އިތުރު ހަތަރުހާސް އެނދު ޤާއިމްވެގެންދާއިރު ވަޒީފާގެ ފުރުޞަތު އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ފުޅާދާއިރާއެއްގައި ހުޅުވިގެން ދިއުން އެއީ މިސަރުކާރުގެ އެއް އަމާޒުކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައިވިދާޅުވިއެވެ.