ޚަބަރު

ދިޔަނަރުފަޅު ހިއްކާ، އެ ތަނުގައި ބަންކަރިން ޚިދުމަތް ފަށާނަން: ނާޒިމް


  • ހެޔޮ އަގެއްގައި ދިޔަނަރުގައި ސަފާރީ އެޅޭ ގޮތް ހަދާދޭނެކަމަށް

  • ދިޔަނަރުގައި ތެޔޮ ބަންކަރ ކުރެވޭ ނިޒާމެއް ޤާއިމް ކުރާނެކަމަށް

  • ބުކިން ހެއްދުން، ރެގިއުލޭޓް ކުރާނެކަމަށް

ސަފާރީ ބޯޓުތައް އެޅުމަށް ދިޔަނަރު ހިއްކާ، އެ ތަނުގައި ބަންކަރިން ޚިދުމަތް ފަށްޓަވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި "އުޖާލާ ޒަމާން" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ ހުޅުމާލޭ ސަރަހައްދުގައި އަޅާ ފައިވާ ސަފާރީތައް ނެގުމަށް އަންގާފައިވާ ކަމަށް ވިދާޅުވެ، ދެން އެ ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް އަޅާނީ ކޮންތާކުތޯ ސުވާލުކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ސަފާރީފަދަ ބޯޓުފަހަރު އަޅާނެ އަމާން ބަނދަރެއް ނެތް ކަމަށެވެ. މިހާރުވެސް ސަފާރީ އެޅުމަށް އޮންނަ ދިޔަނަރާއި، ދިޔަނަރު ދޭއް، އެއީ، އެތަން ހިއްކައިގެން ގިނަ ކަންތައްތަކެއް އަދިވެސް ކުރެވިދާނެ ތަނެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި، ދިޔަނަރު ހިއްކުމަށްފަހު، އެ ތަނުގައި ސަފާރީ ބޯޓު އެޅުމަށް ބޭނުންވާ ފަރާތްތަކަށް، ހެޔޮ އަގެއްގައި އެ ޚިދުމަތް ދިނުމާއި، ބޯޓު ފަޅުވެރިންނަށް އެކިކަހަލަ ހިދުމަތްދޭ ތަންތަން ހެދުމުގެ އިތުރުން، ތެޔޮ ބަންކަރ ކުރެވޭނޭ ނިޒާމެއްވެސް އެ ތަނުގައި ހަދާދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެ ތަން [ދިޔަނަރު] ހިއްކާ، އެ ތަނުގައި ސަފާރީ ބޯޓު އަޅަން ބޭނުންވާ ފަރާތްތަކަށް، ހެޔޮ އަގެއްގައި ސަފާރީ ބޯޓުތައް އެޅުމާއި، ހަމައެއާއިއެކީގައި، އެތަނުގައި މަސައްކަތް ކުރާ ބޯޓު ކްރޫ އަށާއި، އަދި އެ ތަނުގައި އެކިކަހަލަ ޚިދުމަތް ދޭ ތަނެއް ހެދުމާއި އެކުގައި، ތެލާއި ބަންކަރިންނާއި އެކުގައި، ދިޔަނަރު ހަދާ ތިބޭފުޅުންނަށް ދައްކާނަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި ޓްރެވަލް އެޖެންޓުންގެ ސައްކަތުގައި އުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން، އޮންލައިންކޮށް ބުކިންގ ހެއްދުން ރެގިޔުލޭޓް ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއިއެކު، ސަފާރީތަކުގައި މަސައްކަތް ކުރާ ހުރިހާ މީހުންނަކީ ދިވެހިންނަށް ހެދުމާއި، އެކަށީގެންވާ ފެންވަރުގެ ތަމްރީނެއް، އެ އެމީހުންނަށް ދެވޭ ގޮތް ހައްދަވާދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އިންތިޚާބަށް، ހަފްތާއަކަށް ކުޑަތަން ވަމުން އަންނައިރު، ނާޒިމްގެ އިތުރުން އެހެން ކެންޑިޑޭޓުންވެސް އަންނަނީ އެ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކޮށް، ރާއްޖޭގެ އެކި ސިނާޢަތްތަކަށް ގިނަ ވަޢުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.