ޚަބަރު

ޖެހުނު ހިސާބު ގޯސް، މިނިކުންނަނީ ބުރަ މަސައްކަތާއިއެކު ކާމިޔާބު ކުރަން: ފައްޔާޒް


  • ފައްޔާޒް ކުރިން ވިދާޅުވީ ރައީސަށް 56 ޕަސެންޓަށް ވުރެ ވޯޓު މަދުނުވާނެކަމަަށް

  • ރައީސަށް ލިބިވަޑައިގަތީ 38.71 އިންސައްތަ ވޯޓު

  • ޑރ. މުޢިއްޒަށް، މުޢިއްޒަށް ލިބުނީ 46.15 އިންސައްތަ ވޯޓު

ރިޔާސީ އިންތިޚާބަށް ޖެހުނު ހިސާބު ގޯސްކަމަށާއި، ދެވަނަ ބުރަށް ނިކުންނަވާނީ ބުރަ މަސައްކަތާއެކު، އިންތިޚާބު ކާމިޔާބު ކުރަންކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިހާރު އިންތިޚާބުގެ ދެވަނަ ބުރަށް ނިކުންނަވާނީ ކެމްޕެއިން ރުކުރުވާލާ، ސެޕްޓެމްބަރު މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގެ ވޯޓުލުން ކާމިޔާބު ކުރުމަށްކަމަށެވެ. އަދި އަނބުރާ އަނިޔާވެރިކަމާއި ދިމާލަށް މިރާއްޖެ ދިޔަނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރިން ފައްޔާޒް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަންނަވާ ވޯޓު 56 ޕަސެންޓަށް ވުރެ މަދު ނުވާނެކަމަށެވެ. ނަމަވެސް މިފަހަރު ރައީސް ޞަލިޙަށް ލިބިވަޑައިގަތީ %39އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި އޮތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެގޮތުން މުޢިއްޒަށް ލިބިވަޑައިގެންނެވީ 46.15 އިންސައްތައެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި %39.05 ވޯޓާއި އަޅާއި ކިޔާއިރު، 7.44 އިންސައްތައިގެ ކުރިއެރުމެކެވެ.